27 އޮކްޓޯބަރު 2025

Advertisement

ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖެނުއަރީގައި!

27 އޮކްޓޯބަރު 2025

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް އަންނަ އަހަރު ފަނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަތަކަށް ޖަވާނު ދެއްވަމުން އޭނަ ވިދާޅުވީ މިހާރު އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ ހިސާނުގައި އެ ހިދުމަތް ފެށުން ކަމަށެވެ.

ސަރުކާރުުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް އެންމެ ފުރަތަމަ ބުނީ މި އަހަރުގެ ޖޫން/ޖުލައި ހިސާބުގަ އެވެ. ނަމަވެސް ފަހުން އޮގަސްޓްގައި ހިދުމަތް ފަށާނެ ކަމަށް ވެސް ބުންޏެވެ.

Advertisement

ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެކަމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން ސޮއިކުރީ މި އަހަރުގެ ފެބްރުއަރީ 12 ގަ އެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ. އެހެންވެ ފުރަތަމަ ބްރޭންޑިން އަށް ބަޔަކު ހޯދަނީ ވެސް މި މަހުގެ ކުރީކޮޅު ހުޅުވާލި އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.

އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަންނާތީ މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލަން ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.

Advertisement

ކޮމެންޓް