އިޒްރޭލަށް 'ބޮޑު ބިންހެލުމެއް' އަތުވެދާނެ އިންޒާރު އީރާނުގެ ފޮރިން މިނިސްޓަރު ދެއްވައިފި
އީރާނުގެ ޚާރިޖީ ވަޒީރު ހޮނިހިރު ދުވަހު ވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓުވުމަށް ގޮވާލައްވައި، ހިޒްބުالله މި ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ މެދުއިރުމަތީގެ އެހެން ހިސާބުތަކަށް ހަނގުރާމަ ފުޅާވެދާނެ ކަމުގެ އިންޒާރު ދެއްވައި، އެކަމުގެ ސަބަބުން އިސްރާއީލަށް “ބޮޑު ބިންހެލުމެއް” ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ބެއިރޫތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހުސެއިން އަމީރާބްދުالله ވިދާޅުވީ ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ހަނގުރާމައެއްގެ ހުރިހާ މަރުހަލާތަކެއް ތަޖްރިބާކޮށްފައިވާ ކަމަށާއި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވީހާވެސް އަވަހަކަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
ހިޒްބުالله އަކީ މިވަގުތު އިސްރާއިލަށް އެންމެ ބޮޑު ނުރައްކަލެއް ކަމަށް ދެކޭއިރު، އިސްރާއީލުގެ ކޮންމެ ތަނަކަށް ހަމަލާދެވޭނެ ޕްރެސިޝަން ގައިޑް މިސައިލްތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 150،000 ރޮކެޓާއި މިސައިލް އެޖަމާޢަތުގެ އަތުގައި ހުރި ކަމަށް ލަފާކުރެ އެވެ. ސީރިއާގެ 12 އަހަރުގެ ހަނގުރާމައިގައި ބައިވެރިވި އެތައް ހާސް ހަނގުރާމަވެރިން ހިމެނޭހެން އަދި ތަފާތު ވައްތަރުގެ އަސްކަރީ ޑްރޯންތައް ވެސް ހުރެ އެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް އިން މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާގައި އިސްރާއީލުގެ އެތައް ސަތޭކަ އާންމުންނާއި ސިފައިން މަރުވުމާ ގުޅިގެން ހިޒްބުاللهގެ ހަނގުރާމަވެރިން ވަނީ ލުބުނާނުގެ ބޯޑަރުތަކުގައި ފުލް އެލާޓްގައި ތިބެފަ އެވެ.
ހޮނިހިރު ދުވަހުގެ މެންދުރު ފަހު ހިޒްބުاللهގެ ހަނގުރާމަވެރިން ވަނީ މައްސަލަ ބޮޑު ޗެބާ ފާމްސްގައި ހުރި އިސްރާއީލުގެ މަގާމުތަކަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ދެކުނުގެ ކައިރީގައިވާ ސަރަހައްދުތަކަށް ރައްދުގައި ބަޑިޖަހައިފަ އެވެ.
އަމީރާބްދުالله ހޮނިހިރު ދުވަހު ބެއިރޫތުގައި ބޭއްވި ބައްދަލުވުމެއްގައި އަރުވާލެވިފައިވާ ހަމާސްގެ އެންމެ އިސް އޮފިޝަލް ސާލިހު އަރޫރީ އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ލީޑަރު ޒިޔާދު ނަޚާލޭއާ އެކު ޣައްޒާ އާއި އެ ސަރަހައްދުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ހިޒްބުاللهގެ އަލްމަނާރު ޓީވީން ބުނެ އެވެ.
ހަމާސްގެ އޮފިޝަލުން ތަކުރާރުކޮށް ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި 1،300 އަށް ވުރެ ގިނަ އާންމުންނާއި ސިފައިން މަރުވީ ފަލަސްތީނުގެ ޖަމާއަތުގެ މަސައްކަތެއް ކަމަށާއި އެކަމާ އީރާނުން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އަމީރާބްދުالله ވިދާޅުވީ ހުކުރު ދުވަހު ހިޒްބުاللهގެ ލީޑަރު ސައްޔިދު ހަސަން ނަސްރުاللهއާ ބައްދަލުކުރައްވައި، ލުބުނާނުގައި އެ ޖަމާއަތުގެ ހާލަތާ ބެހޭ މައުލޫމާތު ދެއްވި ކަމަށެވެ.
“ދެކޮޅުވެރިކަމުން (ހިޒްބުالله) އަޅާ ކޮންމެ ފިޔަވަޅަކީ ޒަޔަނިސްޓުންނަށް ބޮޑު ބިންހެލުމެއް އަންނާނެ ކަމެއް.” އަމީރާބްދުالله ވިދާޅުވި އެވެ.
ހިޒްބުالله އަށް އަމާޒުކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މެދުއިރުމަތީގެ އެހެން ކުޅުންތެރިންނަށް މި ހަނގުރާމައިގައި ބައިވެރި ނުވުމަށް އިންޒާރު ދެއްވައި އެމެރިކާގެ ހަނގުރާމަ މަނަވަރުތައް އެ ސަރަހައްދަށް ފޮނުއްވައި އިސްރާއީލަށް ފުރިހަމަ ތާއީދު ކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.