އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު އުރުދުނުން ކެންސަލް ކޮށްފިއެވެ. ބައިޑަން އުރުދުނަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ، ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އުރުދުނުން އިންތިޒާމު ކޮށްގެން ބާއްވަން އުޅުނު ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. ނަމަވެސް، އުރުދުންގެ ސަރުކާރުން ވަނީ އެ ސަމިޓާއެކު ބައިޑަންގެ ދަތުރުފުޅު ވެސް ކެންސަލް ކޮށްފައެވެ.
އުރުދުންގައި ބާއްވަން އުޅުނު ސަމިޓު އެ ޤައުމުން ކެންސަލް ކުރީ، ޣައްޒާގައި އޮންނަ އަލް-އަހްލާ ޢަރަބި ހޮސްޕިޓަލަށް ޔަހޫދީ އިސްރާޢީލުން ދިން ރަޙުމު ކުޑަ މިސައިލް ހަމަލާއެއްގައި 500އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހޮސްޕިޓަލަށް ދިން ހަމަލާގައި ބަލި މީހުންގެ އިތުރުން، އެ ތަނުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ގިނަ ޢަދަދެއްގެ މީހުން ޒަޚަމުވިއެވެ.
އަލް-އަހްލީ ހޮސްޕިޓަލަށް ޔަހޫދީ އިސްރާޢީލުން ދިން ނުރައްކާތެރި ހަމަލާ މުޅި ދުނިޔެއިން ދަނީ ކުށްވެރި ކުރަމުންނެވެ. ޣައްޒާއާ ގުޅޭ ގޮތުން އުރުދުންގައި ބާއްވަން މަސައްކަތް ކުރި ސަމިޓުގައި ޢަރަބި ޤައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ. އަދި، އެ ސަމިޓަކީ ބައިޑަން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމެވެ.
ސަމިޓު ކެންސަލް ކުރުމުން ހާމަވާ ކަމަކީ، ޔަހޫދީ އިސްރާޢީލާއި އުރުދުނާ ދެމެދު އޮތް ސިޔާސީ ގުޅުން ހީނަރުވެފައިވާ މިންވަރު ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1994ވަނަ އަހަރުއެވެ. ނަމަވެސް، ފަލަސްޠީނުގެ އެތަކެއް މިލިޔަން މުސްލިމުން ޔަހޫދީން އަޅުވެތިކޮށްފައި އޮތް އޮތުމަކީ އުރުދުނުން ދެކޮޅު ކަމެކެވެ. އަދި، އެ މީހުން މިނިވަން ކުރުމަށް އުރުދުނުން ދިޔައީ ގޮވައިލާ، ބާރު އަޅަމުންނެވެ.
މުސްލިމުންގެ ބިންތައް ބައިކޮށް، ފަލަސްޠީނުގައި ޔަހޫދީންގެ ދަޢުލަތެއް ޤާއިމު ކުރުމަށް އ.ދއިން 1948ވަނަ އަހަރު ނިންމި ނިންމުމާއެކު ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ޢަރަބިން ތެދުވެ ކުރި ހަނގުރާމައިގައި އުރުދުނުން ވެސް ބައިވެރިވިއެވެ. 1948ވަނަ އަހަރު ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، 700,000 އަށްވުރެ ގިނަ މުސްލިމުން އެ މީހުންގެ ގެދޮރާއި ވަޒަނުން ބޭރުކޮށް ރެފިއުޖީންނަށް ހަދައިލިއެވެ.
ހަނގުރާމަ ނިމުމަކަށް އައީ، ބައިތުލްމަޤްދިސްގެ އިރުމައްޗާއި ހުޅަނގު އައްސޭރި އުރުދުންގެ ބާރުގެ ދަށަށް ގެންދިޔުމަށް ފަހުއެވެ. ނަމަވެސް، 1967 ވަނަ އަހަރުގެ "ހަ ދުވަހުގެ ހަނގުރާމައި"ގައި ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބައިތުލްމަޤްދިސްގެ އިރުމައްޗާއި ހުޅަނގު އައްސޭރި އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި، ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށްފައެވެ. އަދާ ހަމައަށް ވެސް ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައެވެ. ޔަހޫދީންގެ އިސްތިޢުމާރީ ބާރުގެ މުށްދަށުގައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 3,000 އަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޝަހީދުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންގެ ހަށިތައް އަޅާނެ ބޮޑީ ބޭގް ވެސް ވަނީ ހުސްވެފައެވެ. އަދި، ބައެއް މީހުންގެ ހަށިތައް ވަގުތީ ގޮތުން އައިސްކްރީމް އުފުލާ ލޮރީ ފަދަ އުޅަނދުފަހަރުގައި ބަހައްޓާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މި އޮޕަރޭޝަންގެ ދަށުން ޙަމާސްއިން ވަނީ 1,400 އެއްހާ ޔަހޫދީން މަރައިލާފައެވެ. އަދި، ޙަމާސްއިން 199 މީހުން ރަހީނު ކޮށްފައިވާ ކަމަށް އިސްރާޢީލުން ބުނާއިރު، ޙަމާސްއިން ބުނީ 250 އެއްހާ މީހުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ކަމުގައެވެ.
ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.