ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޣައްޒާއަށް އެހީގެ ގާފިލާތައް ވަދެއްޖެއެވެ. ޣައްޒާއަށް އެހީގެ ގާފިލާތައް ވަދެފައިވަނީ އެ ސަރަޙައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފައިވަނީ މިޞްރު މަގުން އައިސްފައިވަނީ 20 ލޮރީކަމަށާއި އޭގައި ހުރީ އެންމެ ޒަރޫރީ ސާމާނުކަމަށެވެ. އޭގެ ތެރޭގައި ފެނާއި ކާބޯތަކެއްޗާއި ބޭހާއި ޞިއްޙީ ސާމާނު ހިމެނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ވައްދާފައިވަނީ އދއާއި ފަލަސްޠީނުގެ ރެޑް ކުރެސެންޓުން ފޯރުކޮށްދޭ އެހީގެ ސާމާނެވެ. އެމެރިކާއިން ބާރުއަޅައިގެން ޣައްޒާއަށް އެހީގެ ގާފިލާތައް ވަނުމަށް ފުރުޞަތު ދިން ނަމަވެސް އެ ސަރަޙައްދަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާނެކަމަށް ޔަހޫދީ ފައުޖުތަކުންވަނީ ބުނެފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ދުވަސްތަކެއް ހޭދަވީ އެ ސަރަޙައްދާއި މިޞްރާ ގުޅޭ ސަރަޙައްދީ ރޮނގުގައި އޮންނަ ރަފަޙައަށް ޔަހޫދީ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގައި މަގުތަކަށް ލިބުނު ގެއްލުންތައް މަރާމަތުކުރުމަށް ވަޤުތު ނެގުމުންނެވެ. ފާއިތުވި ދުވަސްތަކުގައި ތިން ހާސް ޓަނުގެ އެހީގެ ސާމާނު ބަރުކޮށްގެން ޣައްޒާއަށް ވަނުމަށް 200 ލޮރީވަނީ ރަފަޙަ ކައިރިއަށް ޖަމާވެފައެވެ.
ޣައްޒާއަށް އެހީގެ ގާފިލާތައް ވަނުމަށް ފުރުޞަތު ލިބިފައިވަނީ ޙަމާސުން ރަހީނުކޮށްފައިވަނީ އެމެރިކާގެ ދެ ރައްޔިތުން މިނިވަންކޮށްފައިވަނިކޮށެވެ. އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އެކި ޤައުމުތަކަށް ނިޞްބަތްވާ 250 ރަހީނުން ތިބިކަމަށް ބެލެވެއެވެ. އޭގެ ތެރެއިން 200 މީހުންނަކީ ޔަހޫދީންނެވެ.