އެލަން މާސްކްގެ އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާއިން ބުނީ ފުޅާވަމުން އަންނަ ޗައިނާގައި ބާޒާރުގައި އެ ކުންފުނީގެ ބޮޑެތި ބެޓެރީތައް އުފެއްދުމަށް އާ ފެކްޓްރީއެއް އަޅަން ނިންމާފައިވާކަމަށެވެ.
ޝަންހާއީގައި ހުންނަ މި ޕްލާންޓުން އެ ކުންފުނީގެ "މެގަޕެކް" ހަކަތަ ރައްކާކުރާ ޔުނިޓްތަކުގެ ތެރެއިން އަހަރަކު 10،000 ޔުނިޓް އުފެއްދިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މެގަޕެކަކީ ހަކަތަ ގްރިޑްތައް ސްޓޭބަލްކޮށް، ކަރަންޓް ކެނޑުން ހުއްޓުވުމަށް އެހީތެރިވެދޭ ވަރަށް ބޮޑު ބެޓެރިއެކެވެ. ކޮންމެ ޔުނިޓަކުން ވެސް އެވްރެޖްކޮށް 3،600 ގެއަށް އެއް ގަޑިއިރު ކަރަންޓް ލިބޭ ވަރަށް ހަކަތަ ރައްކާކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެއީ އުޅަނދުފަހަރަށް ނޫން، ޔުޓިލިޓީސް އާއި ބޮޑެތި ވިޔަފާރީގެ މަޝްރޫއުތަކަށް ފަރުމާކޮށްފައިވާ ބެޓެރިއެއްކަމަށެވެ.
މިހާރުވެސް ކެލިފޯނިއާގައި ޓެސްލާގެ މެގަޕެކް ޕްލާންޓެއް ހުންނައިރު، އެ ޕްލާންޓުން ކޮންމެ އަހަރަކު އޭގެ 10،000 ޔުނިޓް އުފައްދަ އެވެ.
ޓެސްލާ ކުންފުނީގެ ވެރިޔާ އެލަން މަސްކް ޓްވިޓަރގައި ބުނެފައިވަނީ ޗައިނާގެ އާ ޕްލާންޓަކީ ޓެސްލާގެ އެމެރިކާގެ ފެކްޓްރީގެ އިތުރުން އުފައްދާ ޕްލާންޓެއް ކަމަށެވެ.
ޗައިނާގައި އާ މެގަޕެކް ޕްލާންޓުގެ އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ބެލެވޭއިރު، 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބެޓެރީ އުފެއްދުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ޝިންހުއާ އިން ބުނެ އެވެ.
ޗައިނާއަކީ އެންމެ ގިނައިން ބެޓެރީ އުފައްދާ ގައުމެވެ. އެހެން ކަމުން ހެޔޮއަގެއްގައި މިކަން ކުރުމުގެ ފުރުސަތު ޓެސްލާއަށް ލިބޭނެ ކަމުގައި ބެލެވެއެވެ.
މިކަން އިއުލާންކޮށްފައިވަނީ ބެއިޖިން އާއި ވޮޝިންޓަންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ކުންފުނިތަކަށް ޗައިނާއަށް ބަރޯސާވުން މަދުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ޕްރެޝަރު ކުރަމުންނެވެ.
ޗައިނާއަށް ޓެކްނޮލޮޖީގެ ކުރިއެރުން ގެއްލިދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި އޮގަސްޓް މަހު ބައިޑަން ވަނީ ހައި ޓެކް މެނުފެކްޗަރިން އާއި ސައިންޓިފިކް ރިސާޗަށް 280 ބިލިއަން ޑޮލަރު ކޮމިޓްކުރާ ގާނޫނެއްގައި ސޮއިކޮށްފަ އެވެ.
2019 ވަނަ އަހަރު ޓެސްލާއިން ވަނީ އެމެރިކާއިން ބޭރުން ޗައިނާގެ ޝަންހާއީގައި ފުރަތަމަ ކާރު އުފައްދާ ފެކްޓްރީއެއް ހުޅުވާފައެވެ. އެ ތަނުން މިހާރު ހަފްތާއަކު 22،000 އުޅަނދު އުފައްދަ އެވެ.
ޖަރުމަނުގައި ވެސް ޓެސްލާއިން ކާރު އުފައްދާ ފެކްޓްރީ އެއް ހުންނައިރު، މީގެ އިތުރުން މެކްސިކޯގެ މޮންޓެރީގައި ވެސް އިތުރު ފެކްޓްރީއެއް ހަދަން ރާވާފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކާރު މާކެޓް ކަމަށްވާ ޗައިނާގެ އިޤްތިޞާދު މަޑުޖެހުމާއެކު މި އަހަރު ވެހިކަލް ވިއްކުން ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެހެން ކަމުން މިދިޔަ މަހު ޓެސްލާއިން ވަނީ ޝަންހާއީ ފެކްޓްރީއިން އުފައްދާ މޮޑެލްތަކުގެ އަގު ހެޔޮކޮށްފަ އެވެ.