އިސްރާއީލުން ވަނީ ޣައްޒާގެ ބިމުއަޑީގައި އޮންނަ ބިންގަރާސްތަކުގެ ތެރޭގައި ހަމާސްގެ މުޖާހިދުންނާ ކުރިމަތިލާފައެވެ.
ޣައްޒާގެ އެތެރޭގައި ގްރައުންޑް އޮޕަރޭޝަންތައް ފުޅާކުރަމުންދާއިރު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ހަމާސްގެ ހަރަކާތް ފޮހެލުމަށް މި ޓަނަލްތަކަށް ހަމަލާދިނުމަކީ އިސްރާއީލުގެ މުހިންމު އަމާޒެކެވެ.
"އެންމެ ފަހު ދުވަހު އައިޑީއެފްގެ ކޮމްބަޓް ފޯސްތައް އެއްކޮށްލައިގެން ގާތްގަނޑަކަށް 300 ޓާގެޓަކަށް ހަމަލާދީފައިވާއިރު، އޭގެ ތެރޭގައި ޝަފްޓްތަކުގެ ދަށުގައި ހުންނަ އެންޓި ޓެންކް މިސައިލް އަދި ރޮކެޓް ލޯންޗް ޕޯސްޓްތަކުގެ އިތުރުން ހަމާސް ޓެރަރިސްޓް ޖަމިއްޔާއަށް ނިސްބަތްވާ ބިމުގެ އަޑީގެ ޓަނަލްތަކުގެ ތެރޭގައި ހުރި އަސްކަރީ ކޮމްޕައުންޑްތައް ވެސް ހިމެނެ އެވެ،" އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ނެރުނު ބަޔާނެއްގައެވެ.
ހަނގުރާމަވެރިން ރައްދު ދިނީ އެންޓި ޓެންކް މިސައިލްތަކާއި މެޝިންގަން ބަޑިން ކަމަށް އައިޑީއެފް އިން ބުނެ އެވެ.
މަންޒަރު ދުށް މީހުން ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުން ދެކުނަށް އޮންނަ މައި މަގަށް ހޯމަ ދުވަހު އަމާޒުކޮށް ދެ ދިމާލަކުން ޣައްޒާ ސިޓީއަށް ހަމަލާދީފައިވާ ކަމަށެވެ. އިސްރާއީލުން ބުނީ އެގައުމުގެ ސިފައިން ހަމާސްގެ އަޅުވެތިކަމުން ސިފައިންގެ މީހަކު މިނިވަންކޮށްފައިވާ ކަމަށެވެ.
ޣައްޒާގެ ވެރިކަންކުރާ ހަމާސް އިން މިހާތަނަށް ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު އަތުލައިގަތް އިސްރާއީލުން ބުނާ 239 ރަހީނުންގެ ތެރެއިން ހަތަރު އާންމުން ދޫކޮށްލާފަ އެވެ.
ހަމާސްގެ ހަތިޔާރު އެޅި ވިންގުން ކަމަށްވާ އަލް ގަސާމް ބްރިގޭޑްތަކުނމިއަދުގެ ވަގުތެއްގައި އިސްރާއީލުގެ ސިފައިންނާ ކުރިމަތިލާ އިސްރާއިލްގެ ހަތަރު އުޅަނދަކަށް އަމާޒުކޮށް އެންޓި ޓެންކް މިސައިލްތަކުން ހަމަލާދީފައިވާ ކަމަށް ރިޕޯރޓްތަކުން ބުނެއެވެ.
އަދި ޣައްޒާގެ ހުޅަނގު އުތުރުގައި ހުރި އިސްރާއީލުގެ ދެ ޓޭންކާއި ބުލްޑޯޒަރަށް ވެސް މިސައިލް ހަމަލާތަކެއް ވަނީ ދީފައެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 3،457 ކުޑަކުދިން ހިމެނޭ ގޮތަށް 8،306 މީހުން ވަނީ ޝަހީދުވެފަ އެވެ. އދ.ގެ އޮފިޝަލުން ބުނާ ގޮތުގައި ޣައްޒާގެ އާންމު އާބާދީގެ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ ތެރެއިން 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިފަ އެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރު ނަތަންޔާހޫ ބުނެފައިވަނީ ޣައްޒާގައި ހަމާސްއާ އެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން އެއްބަސް ނުވާނެ ކަމަށާއި އެ ޖަމާއަތް ފޮހެލުމަށް ރާވާފައިވާ ޕްލޭންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އަސްކަރީ ސްޕެޝަލިސްޓުން ބުނީ އިސްރާއީލުގެ ސިފައިން ގްރައުންޑް އޮފެންސިވްގައި މަޑުމަޑުން ކުރިއަށް ގެންދަނީ ބައެއް ގޮތްގޮތުން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ހަމާސްއާއި މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވާލުމަށެވެ.