މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާއްމަދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 23 ބިލިއަން ރުފިޔާއެވެ.
މި ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ހިމެނެނީ، ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 20 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 7.1 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 484 މިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީއާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
• އިމްޕޯޓް ޑިއުޓީން 2.7 ބިލިޔަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 10.9 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 833 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖް އަދި ޑިޕާޗަރ ޓެކްސްގެ 820 މިލިއަން ރުފިޔާ
މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހިނގާފައިވާ ގޮތުގެ ތަފްޞީލަށް ބަލާއިރު، ޖުމްލަ ޚަރަދު އުޅެނީ 38.2 ބިލިއަން ރުފިޔާގައެވެ.
އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 25.9 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 12.3 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 9.9 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 15.6 ބިލިއަން ރުފިޔާއެވެ.
ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.