އިންޑިއާގެ މަޝްހޫރު ވިޔަފާރި ކުންފުނި، ސަހާރާ ގްރޫޕްގެ ވެރިޔާ ސުބްރަތާ ރޯއި މިއަދު މަރުވެއްޖެ އެވެ.
އުމުރުން 75 އަހަރުގައި އޭނަ މަރުވީ މިދިޔަ އާދީއްތަ ދުވަހު ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން މުމްބާއީގެ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލް އެންޑް މެޑިސަލް ރިސާޗް އިންސްޓިއުޓްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނު އެވެ.
ސުބްރަތާގެ މަރާ ގުޅިގެން ސަހާރާ އިންޑިއާ ޕަރީވާރުން ނެރުނު ބަޔާނެއްގައި ބުނީ އޭނަ މަރުވީ ހާޓްއެޓޭކެއްގައި ކަމަށާއި ސުބްރަތާގެ ވަކިވުމަކީ މުޅި ސަހާރާ އާއިލާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިމާތައެއް، ގެއްލުމެއް ކަމަށެވެ.
ތަފާތު އެތައް ދާއިރާއަކުން އިންވެސްޓްކޮށް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން އަންނަ ސަހާރާ އަކީ މީގެ 45 އަހަރު ކުރިން ސުބްރަތާ ވުޖޫދަށް ގެނައި ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ހިންގާ ވިޔަފާރީގެ ތެރޭގައި ކޮންސްޓްރަކްޝަން، ރިއަލް އެސްޓޭޓް، މާސް މީޑިއާ އެންޑް އެންޓަޓައިންމަންޓް، އޭވިއޭޝަން، އައިޓީ، ކުޅިވަރު، ކަރަންޓް، ސިއްހީ ދާއިރާ، ޓޫރިޒަމް ދާއިރާ އަދި ލައިފް އިންޝުއަރެންސް ފަދަ ވިޔަފާރިތައް ހިމެނެ އެވެ.
ސަހާރާގެ މުވައްޒަފުންގެ އަދަދު 12 ލައްކަ އަށް އަރަ އެވެ.