އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލު ކުރި މެޗު ބޮޑު ތަފާތަކުން މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ރަނގަޅު ފޯމެއްގައި ފެށި މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން މެޗުގެ ލީޑު ފުރަތަމަ ނަގާފައި ވަނީ މެޗުގެ ތިން ވަނަ މިނެޓުގައެވެ. ޑިފެންޑަރ ޑެލޮޓް ނަގާދިން ހިތްގައިމު ބޯޅަ އަކުން އޯވަ ހެޑަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޕޯޖުގަލްގެ ޒުވާން ފޯވާޑް ގާނޭޗޯއެވެ. އޭރިޔާގެ މެދެއްހާ ހިސާބުން ގޯލު މަތީ ކަނަށް ފޮނުވާލި މި ގޯލަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން ދާއިރު، މެންޗެސްޓަރ ޔުނައިޓެޑުގެ ލެޖެންޑް ވޭން ރޫނީވެސް ވަނީ ހަމަ މި ހިސާބުން މެންޗެސްޓަރ ޔުނައިޓެޑަށް އޯވަ ހެޑް ގޯލެށް ކާމިޔާބުކޮށްދީފައެވެ.
މި ގޯލަށް ފަހު އެވަޓަންއިން ކުޅުން ރަނގަޅުކޮށް މެންޗެސްޓަރ ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ޔުނައިޓެޑުން ގެންދިޔައީ ހުޝިޔާރު ކަމާއި އެކު މި ހަމަލާތައް ދިފާއު ކުރަމުންނެވެ. މި މެޗުގައި އެންމެ ފާހަގަ ކުރެވޭ މޮޅު ކުޅުމެށް ދައްކާފައި ވަނީ މުޅިން އަލަށް ޔުނައިޓެޑުގެ ސީނިއަރ ޓީމަށް ކުޅުނު އުމުރުން 18 އަހަރުގެ ކޮބި މައިނޫއެވެ. މެދަށް ކުޅެމުން ގެންދިޔަ މި ހުނަރުވެރި ކުޅުންތެރިޔާ ވަނީ އެވަޓަންއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.
ފުރަތަމަ ހާފުގައި 4 ހަމަލާ ގޯލާއި އަމާޒުކޮށް އެވަޓަންއިން ފޮނުވާލި ނަމަވެސް ދެވަނަ ހާފުގައި ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ ދެ ހަމަލާއެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން ނުރައްކާ ކުރަމުން ދިޔައިރު، އެޓީމުން ޖެހި ދެވަނަ ލަނޑަކީ އެވަޓަންގެ ޔަންގް ޕެނަލްޓީ އޭރިޔާގެ ތެރެއިން ޔުނައިޓެޑުގެ މާޝިއަލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މި ޕެނަލްޓީ ޖަހާފައި ވަނީ ނިމި ދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ޖަހާދިން އިނގިރޭސި ފޯވާޑް ރަޝްފާޑުއެވެ.
މެޗުގައި ދެޓީމުންވެސް މޮޅު ކުޅުމެށް ދައްކަމުން ދިޔައިރު، ތިން ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ވަނީ ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން ކޯޗު އެރިކް ޓެން ހާގް އިންނަން ޖެހުނީ ބެންޗާ ދުރުގައެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ތިން ވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ފެނިގެން ދިޔައިރު، މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ގެންދިޔަ މާޝިއަލްއެވެ. ކެޕްޓަން ބްރޫނޯ ފެނާންޑޭސް ދިން ބޯޅައެއް ކީޕަރުގެ އެއް އަރި މަތިން ޖެހި ހިތް ގައިމު ޗިޕަކުން ކާމިޔާބުކޮށްދިން މި ގޯލާއި އެކު ޔުނައިޓެޑުން ވަނީ މެޗުގައި ހަމަޖެހިލާފައެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއި އެކު ތާވަލުގެ ހަވަނައަށް ޔުނައިޓެޑު ވަނީ ޖެހިލާފައެވެ. އެއާއި އެކު ކުރިން ހަވަނަގައި އޮތް ނިއުކާސަލް ވަނީ ތާވަލުގެ ހަތް ވަނައަށް ވެއްޓިފައެވެ.