ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ރޭ 2-0 އިން ޗެލްސީ ބަލިކޮށްފި އެވެ.
މި ނަތީޖާތަކާ އެކު ސެމީ އަށް ދިޔުމަށް ރެއާލަށް މިހާރު ވަނީ އުއްމީދު ބޮޑުވެފަ އެވެ. އެގޮތުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރެއާލަށް ސެމީ އަށް ދެވޭނެ އެވެ.
ރޭގެ މެޗުގެ ކުރީކޮޅު ލީޑު ނަގަން ޗެލްސީގެ ޖައޯ ފެލިކްސް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ. ރޭގެ މެޗުގައި ރެއާލުން ޖެހި ފުރަތަމަ ގޯލު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ބެންޒެމާ މި ގޯލު ކާމިޔާބު ކުރީ ރެއާލުން ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ ދިފާއުކުރުމުން ބޯޅަ ބޭރަށް ނިކުތުމުން ގޯލަށް ފޮނުވާލައިގެންނެވެ.
ރެއާލުން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ރަހީމް ސްޓާލިން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވެސް ދިފާއުކުރީ ރެއާލްގެ ކީޕަރެވެ. ފުރަތަމަ ހާފް ނިމުމުގެ ލީޑު ފުޅާކޮށްލަން ރެއާލަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.
އެއް ގޯލުގެ ލީޑަކާއެކު ރެއާލުން ފުރަތަމަ ހާފް ނިންމާލިއިރު ޗެލްސީ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 59 ވަނަ އެޓީމުގެ ޑިފެންޑަރު ބެން ޗިލްވެލް އަށް ރަތްކާޑު ދެއްކުމުންނެވެ. ޗިލްވެލް އަށް ރަތްކާޑު ދެއްކީ ރެއާލްގެ ރޮޑްރިގޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު ޗެލްސީ ކޮޅަށް ރެއާލުން ދެވަނަ ގޯލު ޖެހީ މެޗުގެ 74 ވަނަ މިނެޓްގަ އެވެ. މި ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި މާކޯ އެސެންސިއޯ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާގެ ފަރަގު ކުޑަކޮށްލަން ޗެލްސީގެ މޭސަން މައުންޓަށް ފުރުސަތެއް ލިބުނު އިރު އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ޗެލްސީ އަށް ކުރިން ކުޅުނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާނުން ވަނީ ނަޕޯލީ 1-0 އިން ބަލިކޮށްފަ އެވެ. މިލާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިސްމާއިލް ބެނެސާ އެވެ.