ކުރީގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްޅާ އާއި ކުރީގެ މިސް ޔުނިވާސް ލާރާ ދައްތާ މީގެ 20 އަހަރު ކުރިން ބޮލީވުޑަށް ތައާރަފުކުރި ފިލްމު "އަންދާޒް" ދެވަނަ ބައިގެ ޝޫޓިން މާދަމާ ފަށަން ނިންމައިފި އެވެ.
މިކަން ކަށަވަރުކޮށް ދެމުން އަކްޝޭ ކުމާރު ބަތަލުގެ ރޯލު ކުޅުނު 2003 ގެ ފިލްމުގެ ޕްރޮޑިއުސަރު ސުނީލް ދަރުޝަން ބުނީ ސީކްއެލް ހަދަން ނިންމާފައި ވަނީ މުޅިން ތަފާތު ކާސްޓަކާ އެކީގައި ކަމަށެވެ. "އަންދާޒް 2" ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ވެސް ކުރަނީ އަމިއްލަ އަށް ކަމަށް ބުންޏެވެ.
"މާދަމާ ފިލްމުގެ ޝޫޓިން ފަށާނަން. ފިލްމުން މުޅިން ތިން ފަންނާނަކު ތައާރަފު ކުރާނަން." ފިލްމުގެ ކާސްޓާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދީ އޭނަ ބުންޏެވެ.
އެކަމަކު އޮރިޖިނަލް ފިލްމާ އެއްގޮތަށް "އަންދާޒް 2" ގެ ވެސް މިއުޒިކް ހަދާފައި ވަނީ ނަދީމު-ޝަރުވަން ކަމަށް ސުނިލް ބުންޏެވެ.
ބެލުންތެރިންބެ ބޮޑު ތަރުހީބެއް ލިބުނު ، ރާޖް ކަންވަރު ޑައިރެކްޓްކުރި "އަންދާޒު" ރިލީޒްކުރީ މެއި 23، 2003 ގަ އެވެ. ޖުމްލަ 9.25 ކްރޯޑް ރުޕީސް (1.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 28.81 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.
"އަންދާޒް" ގެ ސީކްއެލްގެ މަސައްކަތް ފަށަން ތައްޔާރުވި އިރު، ސުނީލް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2017 ގެ "އޭކް ހަސީނާ ތީ، އޭކް ދީވާނާ ތާ" އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ޖާންވަރު"، "އޭކް ރިޝްތާ" އަދި "މޭރޭ ޖީވަން ސާތީ" ހިމެނެ އެވެ.