މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެކަން ކަށަަވަރުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އަޔަކްސް އާއި ޔުނައިޓެޑް 2-2 އިން އެއްވަރުވި މެޗުގައި ލިސަންދްރޯ މާޓީނޭޒް، 25، އަމިއްލަ އަށް ބޯޅަ ހިފައިގެން ދުއްވައިގަތް ވަގުތު ފަޔަށް ތަދުވެގެން ދަނޑުމަތީގައި އިށީނެވެ. ވަގުތުން، މެޑިކަލް އެހީ އަށް އެދުނު ލިސަންދްރޯ މާޓީނޭޒް ދަނޑުން ބޭލީ ސެވިއްޔާ އަށް ކުޅޭ އާޖެންޓީނާ ދެ ކުޅުންތެރިންގެ އެހީގަ އެވެ، ފަހުން، ދަނޑުން ގެންދިޔައީ ސްޓްރެޗަރުގަ އެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ލިސަންދްރޯ މާޓީނޭޒް ގައިގައި ކުޅުންތެރިއަކު ނުޖެހި، އަމިއްލަ އަށް އަނިޔާވެގެން އެ ގޮތަށް އޭނާ އިށިންނާނީ ވަރަށް ބޮޑު އަނިޔާއެއް ވެގެން ކަަމަށެވެ. އަދި ޓެން ހާގް ބުނީ ފެންނަ ފެނުމަށް މި އިންޖަރީ ސީރިއަސް ކަމަށެވެ.
މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމަށް ކުޅުނު ލިސަންދްރޯ މާޓީނޭޒްގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކަށް ފަހު، އެނގިފައިވަނީ އޭނާގެ ފައިގެ މެޓަޓާސަލް ބޯންގައި ރެނދުލާފައިވާތީ، ދެން މި ސީޒަނުގައި އެނބުރި ކުޅުމަށް ނާދެވޭނެ ކަމެވެ.
އެހެންވެ، މި ހިސާބުން ލިސަންދްރޯ މާޓީނޭޒަށް މި ސީޒަން ނިމުނީ އެވެ.
އަޔަކްސް ދޫކޮށް 64 މިިލިއަން ޑޮލަރުގެ ޕެކޭޖަކަށް ޔުނައިޓެޑަށް ބަދަލުވި ލިސަންދްރޯ މާޓީނޭޒް ވަނީ އެ ޓީމަށް މި ސީޒަނުގެ މިހާތަނަށް 45 މެޗުގައި ކުޅެފަ އެވެ.