ޤަތަރުގެ އެހީގައި ޢިމާރާތްކޮށްފައިވާ ޣައްޒާގެ އާންމުން ދިރިއުޅޭ ޢިމަރާތަކަށް ޔަހޫދީ ފައުޖުތަކުން ބޮން އަޅައި ސުންނާފަތި ކޮށްލައިފިއެވެ. އެ ޢިމާރާތާށް ބޮން އަޅާފައި ވަނީ ޤަތަރުގައި ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޔަހޫދީން ދެކޮޅު ހެދިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
ޙަމަދު ސިޓީގެ ނަމުން ނަން ދީފައިވަނީ އެ ޢިމާރާތަކީ މީގެ 11 އަހަރު ކުރިން ޣައްޒާއަށް ކުރެއްވި ދަތުރުފުޅެއްގައި ޤަތަރުގެ ޢަމީރު ޝެއިޚް ޙަމަދު ބިން ޚާލީފާ އަލް ޘާނީ ބިންގާ އަޅުއްވައިދެއްވި ޢިމާރާތެކެވެ. ޙަމަދު ސިޓީގެ 1،000އަށް ވުރެ ގިނަ ފްލެޓް ފޯރުކޮށްދީފައި ވަނީ މީގެ ދެ އަހަރު ކުރިން ޣައްޒާގައި ޔަހޫދީން ކުރި ހަނގުރާމައިގައި ގެދޮރު ގެއްލުނު ފަލަސްޠީނުގެ ރައްޔިތުންނަށެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 15،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ އަނިޔާވެރި ޙަމަލާތަކުގައި އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ޣައްޒާގައި ތިބި އެންމެ ނާޒުކު ބަޔަކީ ގެދޮރު ގެއްލިފައިވާ 1.7 މިލިއަން މީހުން ކަމަށް އެހީ ދޭ ޖަމާޢަތްތަކުން ބުނެއެވެ.