ބައްޕަ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމަކަށް ވަރޫން ދަވަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އެ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށާއި މިހާރު ކުރިއަށް ދަނީ އޭގެ ސްކްރިޕްޓްގެ މަސައްކަތް ކަމަށެވެ. އަދި ހުރިހާ ކަމެއް ފައިނަލްވުމުން އެ ރޮމޭންޓިކް ކޮމެޑީ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. މި ފިލްމު ވާނީ ބައްޕައާ އެކީ ވަރޫން މަސައްކަތް ކުރާ ހަތަރު ވަނަ ފިލްމަށެވެ.
ދެބަފައިން އެންމެ ފަހުން އެކީގައި ގެނެސްދިން ފިލްމަކީ 2020 ގެ "ކޫލީ ނަމްބަރު 1" އެވެ. އޭގެ ކުރިން 2017 ގައި "ޖުޅުވާ 2" އަދި 2014 ގައި "މޭ ތޭރާ ހީރޯ" ގެނެސްދިނެވެ.
ވަރޫން މިހާރު އަންނަނީ ސެޕްޓެމްބަރުގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމު ތަމަޅަ ޑައިރެކްޓަރު ކާލީސް ހަދާ އިރު، ފިލްމުގެ ބަތަލާއިންނަކީ ކީރްތީ ސުރޭޝް އާއި ވަމީގާ ގައްބީ އެވެ.
ވަރޫންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ އެމެޒޯން ޕްރައިމަށް ހަދާ ސީރީޒް "ސިޓަޑެލް އިންޑިއާ" ހިމެނެ އެވެ.
ދެހާސް ބާރައިގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް ވަރޫން، 36، ގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖުލައިގައި ގެނެސްދިން "ބަވާލް" އެވެ.