ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް އެތަނުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނަގެ ޕާސްޕޯޓް ހިފަހެއްޓީ ރާއްޖެ އން ފުރަން އުޅުއްވާ ކަމަށް ލިބުނު މައުލޫމަތަމާ ގުޅިގެން ފުލުހުން އެދިގެންނެވެެ. އެގޮތުން އިމިގްރޭޝަނުން ޕާސްޕޯޓް ހިފަހެއްޓީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
އެފްއޭއެމްހެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާއާ ގުޅޭ ނަހަމަ މުއާމަލާތްތަކެއްގެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެގޮތުން އެފްއޭއެމަށް ވަދެ، އެތަނުން ގިނަ އަދަދެއްގެ ލިޔެކިޔުންތައް ވެސް ގެންގޮސްފައިވެ އެވެ.
މިދިޔަ ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެފައި ވަނީ ބައްސާމްގެ މައްޗަށް ދައުވާކުރާނެ ކަމަށާއި އެ ވަރަށް ހެކި ވެސް އެބަހުރި ކަމަށެވެ.
ޕީޖީ ވިދާޅުވެފައި ވަނީ އެފްއޭއެމަށް ފީފާ އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ އިދާރާގެ ރައީސް ބައްސާމަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށެވެ. އެގޮތުން މިހާތަނަށް ޕީޖީ އޮފީހަށް ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި، މަސައްކަތް ކުރަނީ އެފްއޭމުގެ ރައީސް ބައްސާމާއި އެތަނުގެ އެހެން ވެރިންނަށް ދައުވާކުރެވޭ މިންވަރަށް ހެކި ހޯދުމަށް ފަހު މި ހަފުތާގައި ދައުވާ ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި މޯލްޑިވްސް ތަހުގީގަށް މިހާތަނަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެ އެވެ.
ޝަމީމް ވިދާޅުވީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ އިރު، ގިނަ އަދަދެއްގެ ފައިސާ އެކި ގޮތްގޮތަށް ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެފްއޭއެމުގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި އެތަނުގެ ފައިސާ ޚަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުރި ކަމަށް ވިދާޅުވި އެވެ.
އެފްއޭއެމުން ބޮޑެތި މައްސަލަތަކެއް ހުރި އިރު، ވަރަށް ގިނަ ބަޔަކު އަންނަނީ ބައްސާމްގެ އިސްތިއުފާ އަށް ގޮވަމުންނެވެ. އޭނަ އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވީ 2016 ގަ އެވެ.