އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ފަހަތުންއަރައި 1-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް، ލިވަޕޫލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ލިވަޕޫލަށް އެއްވަނަ ލިބެނީ 16 މެޗުން ހޯދީ 37 ޕޮއިންޓާއެކު އެވެ. އެއް މެޗު މަދުން ކުޅެގެން 36 ޕޮއިންޓާއެކު ދެވަނައިގައި އޮތް އާސެނަލަށް މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އަލުން އެއްވަނަ އަށް އެރޭނެ އެވެ. ވިލާ ތިންވަނައިގައި އޮތީ 15 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އޮތީ 15 މެޗުން ލިބުނު 30 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސެލްހާސްޓް ޕާކްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ޕެލަސް އަށް މި ހާފުގައި ޕެނަލްޓީއެއް ދޭން ނިންމުމަށްފަހު ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އެ ނިންމުން ބަދަލުކޮށްފައެވެ. އެއީ، އެ ބޯޅަ އޮޑްސަން އެޑޮއާޑަށް ލިބުމުގެ ކުރީން ޕެނަލްޓީއޭރިޔާ ބޭރުން ލިވަޕޫލްގެ މިޑްފީލްޑަރު، ވަޓަރު އެންޑޯ އަށް ޕެލަސްގެ މިޑްފީލްޑަރު، ފިލް ހިއުސް ފައުލްކުރުމުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 މިނެޓުގެ ތެރޭގައި ޕެލަސް އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ޖީން-ފިލޕޭ މަޓޭޓާ ކާމިޔާބުކުރި ގޯލުންނެވެ. ލިވަޕޫލްގެ ޑިފެންޑަރު، ޖަރެލް ކުއަންސާ ޕެނަލްޓީއޭރިޔާ ތެރެއިން މަޓޭޓާ އަށް ކުރި ފައުލަކަށް ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.
މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ޕެލަސްގެ ފޯވާޑް، ޖޯޑަން އަޔޫ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް ބާކީ ބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޕެލަސްގެ އަޔޫ އަށް ރަތް ކާޑު ދެއްކިތާ މާގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިވަޕޫލަށް މި ލަނޑުޖަހައިދިނީ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެވެ. މިއީ ލީގުގައި ސަލާހު ޖެހި 150 ވަނަ ލަނޑެވެ. އަދި ލިވަޕޫލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި 200 ވަނަ ގޯލެވެ.
އޭގެފަހުން، މެޗުގެ 87 ވަނަ މިނެޓުގައި ޕެލަސް އަށް އިތުރު މައްސަލަތައް ކުރިމަތިވީ އެ ޓީމުގެ ގޯލްކީޕަރު، ސޭމް ޖޯންސްޓޯން އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. ޖޯންސްޓޯންގެ ބަދަލުގައި ކުޅެން ނިކުތީ ރެމީ މެތިއުސް އެވެ.
މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު، އިތުރުވަގުތުގެ ގޮތުގައި ރެފްރީ ދެއްކި 10 މިނެޓުގެ ތެރޭގައި ފުރަތަމަ މިނެޓުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ހާވީ އެލިއަޓް އެވެ. އެލިއަޓް ކުޅެން ނިކުތީ ދެވަނަ ހާފުގެ ފަހު ބައިގައެވެ.