އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންގެ މައިމަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ރާއްވަވާފައިވާ އިހަވަންދިއްޕޮޅުގެ އައިހެވަން މަޝްރޫޢު މިސަރުކާރުން ކުރިއަށް ގެންދަވާނެކަމަށް އިޤްތިޞާދާއި، ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އައިހެވަން މަޝްރޫޢުއަކީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައިވެސް އިޤްތިޞާދީ ތަޞައްވުރުގައި ހިމެނި އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. އެ ސަރުކާރު ނިމުނުއިރު އޭރު މާސްޓަރ ޕްލޭން އޮތީ ނިމިފައެވެ. އޭރުވެސް މި މަޝްރޫޢު ހިންގުމުގެ އެންމެ އިސްކޮށް މަސައްކަތްކުރެއްވީ މިހާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ އިޤްތިޞާދީ ވަޒީރުކަމުގައި ކުރިން ހިންގެވުމަށް ނިންމެވި އައިހެވަން މަޝްރޫޢު ކުރިއަށް ގެންދަވާނެތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި، ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އައިހެނަވަން މަޝްރޫޢު ހިންގުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
"އެސަރަހައްދުން ބަންކަރިންއާއި ހުރިހާ ޚިދުމަތެއް ދިނުމަށް ސަރުކާރު މިއޮތީ ތައްޔާރަށް. ރާއްޖޭގެ އެހެން ބަނދަރަކުންވެސް އެހެން ދިމާލަކުންވެސް ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ދޭންޖެހޭ ޚިދުމަތަކުން ރާއްޖޭގެ އިޤްތިޞާދަށް އެކަމުން ފައިދާވާކަމަށްވަންޔާ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ކުރިއަށް ގެންދާނަން. ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ޢަޒުމެއް އަޅުގަނޑުމެންގެ އެބައޮތް. އިހަވަންދިއްޕޮޅު އިރާދަކުރެއްވިއްޔާ ފަށްޓާނަން." އިޤްތިޞާދާއި، ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އައިހެވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާއެއް ކޮށްފައެވެ. އެގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިންއާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވެއެވެ. މި މަޝްރޫއުގެ ޢަމަލީ މަސައްކަތްތަކާއެކު ރާއްޖެއަށް ބޮޑު ޢާމްދަނީއެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިހަވަންދިޮއްޕޮޅުގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މީގެ ކުރީގެ ހުރިހާ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މަޝްރޫޢު ބްރޭންޑުކޮށް މަސައްކަތް ފެށީ 2014ގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ސަޢީދު ވަނީ ބަންކަރިންއާއި ކޮމާޝަލް މަޝްރޫއުތައް ހިމެނޭހެން ވަރަށް ފުޅާކޮށް އެ މަޝްރޫޢު އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އިހަވަންދިއްޕޮޅުގެ އައިހެވަން މަޝްރޫޢުގެ އިތުރުން އުތުރުގައި ކުރިއަށްގެންދާ ހަނިމާދޫ އިންޓަރނޭޝަންލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުންވެސް ސަޢީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ކުރީ ސަރުކާރުގައި ފަށާފައިވާ އެ މަޝްރޫޢުވެސް ކުރިއަށް ގެންދިއުމަށާއި، އެ މަޝްރޫޢު ނުހުއްޓުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.