ރަޖްނީކާންތުގެ "ވެއްޓައިޔަން" ގެ ޓީޒާ ދައްކާލައިފި
އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތުގެ 170 ވަނަ ފިލްމުގެ "ވެއްޓައިޔަން" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުގެ ޓީޒާ ދައްކައިލީ އިއްޔެ ފާހަގަކުރި އޭނަގެ 73 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ އާ ފިލްމު "ވެއްޓައިޔަމް" އަކީ "ޖެއި ބީމް" ޑައިރެކްޓްކުރި ޓީޖޭ ގުނަނަވަލް ޑައިރެކްޓްކުރާ އެއްޗެކެވެ.
މި ފިލްމު ޕްރޮޑިއުސްކުރަނީ އިންޑިއާގެ ދެކުނުގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ލައިކާ ޕްރޮޑަކްޝަންސްއިންނެވެ. "ވެއްޓައިޔަން" ގެ ކާސްޓްގައި ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންގެ އިތުރުން ފަހަދު ފާސިލް، ރާނާ ދަގޫބަތީ، ރިތިކް ސިންގް، މަންޖޫ ވާރިއާ އަދި ދުޝާރާ ވިޖަޔަން ހިމެނެ އެވެ.
މި އެކްޝަން ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ރަންޖީކާންތުގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި "ޖެއިލާ" އެވެ. މި ފިލްމަކީ މި އަހަރު އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދީ އެއް ފިލްމެވެ.
ކުރިން ހިންދީ ފިލްމުތަކުގައި ވެސް މަސައްކަތްކުރި ނަމަވެސް ރަޖްނީކާންތު މި ފަހުން މުޅިން ވެސް ކުޅެނީ ތަމަޅަ ފިލްމުތަކެވެ. އެގޮތުން އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ސްޕޯޓްސް ޑްރާމާ "ލާލް ސަލާމް" ގެ އެކްސްޓެންޑެޑް ކެމިއޯއަކުން ވެސް ރަޖްނީކާންތު ފެންނާނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އޭނަގެ ދަރިފުޅު އައިޝްވާރިއާ ރަޖްނީކާންތެވެ.