ހުރިހާ މެޗަކުން މޮޅުވެ ރެެއާލް ގަދަ 16 އަށް
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަ މެޗުންވެސް މޮޅުވެ, ރެއާލް މެޑްރިޑް ސައްތައިން ސައްތަ ރެކޯޑާއެކު ދެވަނަ ބުރަށް ތައްޔާރުވެއްޖެއެވެ.
ގްރޫޕް ސްޓޭޖް ފަހު މެޗުގައި ރެއާލް ކުރި ހޯދީ ޖަރމަނީގެ އެފްސީ ޔޫނިއަން ބާލިންއާ ވާދަކޮށް 3-2 ނެވެ. މެޗުގައި ފުރަތަމަ ކުރިހޯދީ ޔޫނިއަން ބާލިންއެވެ. އެޓީމަށް ކުރިހޯދައިދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ވޮލާންޑެވެ. އޭގެ މިނެޓެއްކުރިން ރެއާލް އަށް ލިބުނު ޕެނަލްޓީއެއް ތަޖުރިބާކާރު މިޑްފީލްޑަރ ލުކަ މޮޑްރިޗް އަތުން ބޭކާރުވިއެވެ. މޮޑްރިޗްގެ ޕެނަލްޓީ ޔޫނިއަން ބާލިންގެ ކީޕަރު ފްރެޑްރިކް މަތަކުރީއެވެ. މިއީ އޭރިޔާ ތެރެއިން ޔޫނިއަން ބާލިން ކުޅުންތެރިއަކު އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ. 61 ވަނަ މިނެޓުގައި ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހޮސެލޫއެވެ. އޭނާ ދެ ލަނޑުވެސް ޖެހީ ބޮލުންނެވެ. 72 ވަނަ މިނެޓުގައި ލީޑް ނަގައިދިނީވެސް ޒުވާން ހޮސެލޫއެވެ. އެކަމަކު 85 ވަނަ މިނެޓުގައި އެފްސީ ޔޫނިއަން ބާލިން އިން ނަތީޖާ ހަމަހަމަކުރިއެވެ. ރެއާލް މެޗުން މޮޅުކޮށްދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ބެލިންގހަމް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ސެބާޔޯސްއެވެ.
ރެއާލް ގްރޫޕްގެ އެއްވަނަ ހޯދީ ހަ މެޗުންވެސް މޮޅުވެ 18 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ނަޕޯލީއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއްވެސް އެބައޮތެވެ. ޔޫނިއަން ބާލިންގެ ފުރަތަމަ ޗެމްޕިއަންސް ލީގު ތަޖުރިބާގައި ރެއާލް ބަލިކޮށްގެން, ޔޫރޮޕާ ލީގު ޕްލޭއޮފް އިން ޖާގަ ލިބެން އޮތެވެ. ނަމަވެސް ބަލިވުމުން ގްރޫޕް ސްޓޭޖް ނިންމާލަން ޖެހުނީ ފުލުގައި އޮވެއެވެ. ހަ މެޗުން ލިބުނީ ދެ ޕޮއިންޓެވެ.