އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި ރޭ ޗެމްޕިއަންޝިޕްގެ ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ރިޔާދު މަހްރޭޒް ކާމިޔާބު ކުރި ހެޓްރިކާ އެކު 3-0 އިން މޮޅުވެ، މެންވެސްޓާ ސިޓީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް މަހުރޭޒް ސިޓީ އަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އަށް ޝެފީލްޑުގެ ކުޅުންތެރިއަކު ފައުލް ކޮށްގެން ލިބުނު ޕެނަލްޓިއަކުންނެވެ. މެޗުގެ 61 ވަނަ މިނިޓުގައި އޭނާ ދެ ވަނަ ގޯލު ޖެހިއިރު އޭގެ ފަސް މިނިޓު ފަހުން ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މަހުރޭޒްގެ މި ހެޓްރިކަކީ ދުނިޔޭގެ އެންމެ ދުވަސްވީ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި، 1958 ވަނަ އަހަރަށް ފަހު ކުޅުންތެރިޔަކު ކާމިޔާބު ކުރި ފުރަތަމަ ހެޓްރިކެވެ. އެ އަހަރު ހެޓްރިކް ހެދީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އެލެކްސް ޑޯސަން އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މަހުރޭޒް އަކީ ސިޓީގައި އަބަދުވެސް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކުރިމަގުގައި ވެސް އޭނާގެ ފަރާތުން ޓީމުގައި މުހިއްމު ދައުރެއް ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"މަހުރޭޒް؟ އޭނާ އަހަރެން ދެކެ ރުޅި އަންނާނެ އޭނާ އަށް ކުޅެން ފުރުސަތު ނުދެންޏާ. އޭނާ ރުޅި އައިސް ހުރިކަން އަހަރެންނަށް ފާހަގަވާވަރު ކުރާނެ،" މެޗަށް ފަހު އުފަލުން ހުރި ގާޑިއޯލާ މަޖާ ވެލައިފައި ބުންޏެވެ.
"އަހަރެން ރިޔާދު [މަހުރޭޒް] އާ މެދު ވަރަށް އުފާވޭ. އޭނާ ކުޅެނީ ވަރަށް ބޮޑަށް ފުޓުބޯޅައާ ގަޔާވެގެން. އޭނާ ވަނީ ކުލަބަށް ނުހަނު ފައިދާހުރި ކަންކަން ކޮށްފައި، އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެކަން ފެންނާނެ ކަމަށް."
ޖޫން މަހު ކުޅޭ މުބާރާތުގެ ފައިނަލް މެޗުގައި ސިޓީ އާއި ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ފައިނަލުގެ ދެވަނަ ޖާގަ ހޯދަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑާއި ބްރައިޓަން އެވެ.
މިއާ އެކު ސިޓީ އަށް މިވަނީ ތިން ތަށްޓާ އެކު ސީޒަން ނިންމާލުމުގެ ފުރުސަތު ލިބިފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސިޓީ އޮތްއިރު، ބުދަ ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި އާސެނަލް ބަލިކުރެވިއްޖެ ނަމަ ލީގު ހޯދުމުގެ ރޭހުގައި ވެސް ސިޓީއަށް ކޮންޓްރޯލް ލިބޭނެ އެވެ.