ހުރިހާ މެޗަކުން މޮޅުވެ ސިޓީ ގަދަ 16 އަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ސްވޭނާ ޒްވެޒްދާ ގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ސިޓީ އިން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާ އަކުންނެވެ. ސިޓީން މެޗު ފެށީ ގިނަ ބަދަލު ތަކަކާއި އެކުއެވެ. މިގޮތުން 3 ކުޅުންތެރިއެއް ފިޔަވާ ދެން ފެނުނީ ހުސް ބެންޗު ޓީމު ކުޅުންތެރިންނެވެ.
މެޗު ފެށިގެން 19 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޒުވާން ތަރިއެއް ކަމަށްވާ މައިކަ ހަމިލްޓަންއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ކާމިޔާބު ކުރުމުގެ ފަހުރު އޭނާ ވަނީ ހޯދާފައެވެ.
ދެވަނަ ހާފު ފެށިގެން 62 ވަނަ މިނެޓުގައި އޮސްކާ ބޮބް ވަނީ ސިޓީ އަށް ލީޑު ފުޅާ ކޮށްދީފައެވެ. މިއީ ބޮބް ވެސް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާވެސް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖެހުމުގެ ފަހުރު ވަނީ ލިބިގަނެފައެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ޒްވެޒަދާ އިން މެޗުގައި ސިޓީން ނެގި ލީޑު ހަނިކޮށްލި ނަމަވެސް 85 ވަނަ މިނެޓުގައި ސިޓީން އަނެއްކާވެސް ވަނީ ލީޑު ފުޅާކޮށްފައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ފިލިޕްސް އެޓީމަށް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ އޭނާ ވެސް ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ސްވޭނާ ޒްވެޒްދާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަޓާއީއެވެ.
މެންޗެސްޓާ ސިޓީން ރޮޑްރި، ކައިލް ވޯކަރ، ރުބެން ޑާޒް، ސިލްވާ ގެ އިތުރުން ފިލް ފޯޑެން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެފައެވެ. ފޮޑެން ކުޅެން އެރީ ގްރީލީޝް އަށް އަނިޔާވުމުންނެވެ. މީގެ އިތުރުން ހާލަންޑް އަދި ޑޮކޫ ރޭގެ ސްކޮޑުން ފެނިގެން ނުދެއެވެ.
ރޭގެ ނަތީޖާއަށް ފަހު މެންޗެސްޓާ ސިޓީއިން ވަނީ ކުޅުނު ހަ މެޗުން 18 ޕޮއިންޓު ހޯދާ ޓީމުގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފައެވެ. ރޭގެ މެޗުން ބަލިވި ސްވޭނާ ޒްވެޒްދާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއީ އެ ގުރޫޕުގެ ފުލެވެ. މި ގުރޫޕުން ގަދަ 16 އަށް ދަތުރު ކޮށްފައިވާ ދެވަނަ ޓީމަކީ އާރް ބީ ލެއިޕްޒިގްއެވެ. އެ ޓީމުން ވަނީ ކުޅުނު ހަ މެޗުން 12 ޕޮއިންޓު ހޯދާފައެވެ. މި ގުރޫޕުގައި ދެން އޮތް ޔަންގް ބޯއީސް އަށް 6 މެޗުން 4 ޕޮއިންޓު ލިބި ވަނީ ޔޫރޮޕާ ލީގުން ޖާގަ ލިބިފައެވެ.
ގަދަ 16 ގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗު މަހުގެ 5 ވަނަ ދުވަހުއެވެ.