ޓީސީ ބަލިކޮށް މާޒިޔާ އެއްވަނަ އަށް
މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މި މެޗުން މާޒިޔާ މޮޅުވީ 4-0 އިންނެވެ.
މި ނަތީޖާއާއެކު މާޒިޔާ އެއްވަނައިގައި އޮތީ 13 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ކްލަބް އީގަލްސް އޮތްއިރު، ތިންވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. ޓީސީ އޮތީ 14 މެޗުން ލިބުނު 22 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި މާޒިޔާ އިން ވަނީ ތިން ލަނޑުޖަހައިފައެވެ. މި މެޗުގައި މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު، ހަތްވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް އެވެ.
މެޗުގެ 16 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑުޖަހައިދިނީ އިބްރާހިމް އައިސަމް އެވެ. އަދި އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހަމްޒާ މުޙައްމަދު (ހަމްޕު) ވައްދާލި ގޯލާއެކު މާޒިޔާ އިން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގަ އޮވެގެންނެވެ.
މާޒިޔާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަލަބަނޮވިޗް އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ބަލަބަނޮވިޗް ޖެހި 8 ވަނަ ލަނޑެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި ހެޓްރިކް ހަދައިފައެވެ.
ލީގުގައި ބާކީ ދެން އޮތީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ދެ ޓީމު ބައްދަލުކުރާ މެޗެވެ. އަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައި މިވާ މެޗު އެއްވަރުކޮށްލައިގެން މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އީގަލްސް އަށް ލީގު ހޯދުމަށްޓަކައި މާޒިޔާ ބަލިކުރަން ޖެހެއެވެ.