އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް
އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ މަޝްރޫޢުތަކަށްވަނީ 8.9 ބިލިއަން ރުފިޔާ ހިމަނާފައެވެ.
މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ. މީގެތެރޭގައި ބްރިޖް އެޅުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުމާއި، ބަނދަރުތައް ތަރައްޤީކުރުން ހިމެނެއެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫޢުތަކަށް 3.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ފާސްކޮށްފައެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއެކު ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫޢުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫޢުތަކަށް ކަނޑައެޅި ބަޖެޓުގެ ޢަދަދުވަނީ އިތުރުކޮށްފައެވެ.
އެގޮތުން ދައުލަތުން ހުށަހެޅި ބަޖެޓުގައި ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ހުށަހަޅާފައިވަނީ 8.6 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ބަޖެޓު ކޮމެޓީއިން ގެނެސްފައިވާ ބަދަލުތަކާއެކު މި ޢަދަދު ވަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.
ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫޢުތައްވަނީ 12 ބަޔަކަށް ބަހާލާފައެވެ.
އެގޮތުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫޢުތަކާއި، ބިން ހިއްކުމާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މަޝްރޫޢުތައް މީގެ ތެރޭގައި ހިމެނެއެވެ.
• ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް - 3.3 ބިލިއަން ރުފިޔާ
• ބިން ހިއްކުމާއި މަގު ހެދުމަށް – 1.5 ބިލިއަން ރުފިޔާ
• ތިމާވެށި ރައްކާތެރިކުރުމަށް - 1.1 ބިލިއަން ރުފިޔާ
• ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް – 647 މިލިއަން ރުފިޔާ
• ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް – 452 މިލިއަން ރުފިޔާ
• ޞިއްޙީ ޚިދުމަތްތަކަށް – 466 މިލިއަން ރުފިޔާ
• އިޖުތިމާއީ އަދި ދީނީ ޚިދުމަތްތަކަށް – 409 މިލިއަން ރުފިޔާ
• ތަޢުލީމާއި ގުޅޭ ވަޞީލަތްތައް ތަރައްޤީކުރުމަށް – 303 މިލިއަން ރުފިޔާ
• ޤައުމީ ސަލާމަތާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުން – 254 މިލިއަން ރުފިޔާ
• އިދާރީ ވަޞީލަތްތައް ތަރައްޤީކުރުމަށް – 109 މިލިއަން ރުފިޔާ
• މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކުރުމަށް – 96.5 މިލިއަން ރުފިޔާ
• އެހެނިހެން މަޝްރޫޢުތަކަށް – 138 މިލިއަން ރުފިޔާ
އަންނަ އަހަރަށް ޕީއެސްއައިޕީއަށް 8.9 ބިލިއަން ރުފިޔާ ޙަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ބަޖެޓުންވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 10.6 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10.3 ބިލިއަން ރުފިޔާއެވެ.