އެސްޓީއޯއިން 4500 ބަސްތާގެ ފިޔާ ގެނެސްފި
ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ އެންމެ ފުރަތަމަ ޝިމްޕްމަންޓުގައި 4500 ބަސްތާގެ ފިޔާ ރާއްޖެ ގެނެސްފައިވާކަމަށެވެ.
އެސްޓީއޯއިން ބުނީ، އިންޑިއާގެ ބާޒާރުގައި އޮގަސްޓުމަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރ މަހާއި ހަމައަށް އައިރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށް 400 ރުފިޔާއަށް ފިޔާ ބަސްތާއެއްގެ އަގު އުފުލިފައި ވާކަމަށެވެ. މިއާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800 ރުފިޔާއާއި 900 ރުފިޔާއައި ދެމެދުގެ އަގަކަށް ވަނީ އުފުލިފައެވެ.
ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއް ބާވަތެއްކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ އެސްޓިއޯއަށްވެސް ލިބިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީ އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުންކަމަށްވާއިރު، އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާ ފަދައި ޢާއްމުންގެ ކަންބޮޑުވުމަށް ޙައްލު ހޯދައިދިނުމަށް އެސްޓީއޯއިން ފިޔަވަޅު އަޅަމުންދާނެކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ފިޔާގެ އަގު އުފުލުމާއި ގުޅިގެން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެތެރެކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
ބާޒާރަށް އެތެރެކުރާ ފިޔާ އާއްމުންނަށް ވިއްކާނީ އާންމު ވިޔަފާރިތަކުންކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހުއެވެ. އެސްޓީއޯއިން އިލްތިމާސް ކޮށްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.
އެސްޓީއޯއިން އިމްޕޯޓް ކޮށްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރުވަނީ ބާޒާރައް ނެރެފައެވެ. މިކަމުގައި އެސްޓީއޯގެ އަމާޒަކީ ބާޒާރުގައި އަގު އުފުލުނަނުދީ ހިފެހެއްޓުންކަމަށްވާއިރު، ބާޒާރުގައި ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލުވެ، ބާޒާރުގައި ފިޔާގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ އެތެރެކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.