22 ނޮވެމްބަރު 2024

Advertisement

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ގޮވައިލާ ޤަރާރު ފާސްކޮށްފި

23 ޑިސެމްބަރު 2023

އެމެރިކާގެ ފިއްތުންތަކުގެ ސަަބަބުން މުހިންމު ބައިތަކެއް އުނިކޮށްފައިވާ ޣައްޒާގެ ހާލަތާ ގުޅޭ ޤަރާރު އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ. މިއީ، ޢަރަބި ޤައުމުތަކުގެ ބައިވެރިވުމާ އެކު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރެކެވެ. މި ޤަރާރަށް ވޯޓަށް އެހުމުން، އެމެރިކާއާއި ރަޝިޔާއިން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން އެމެރިކާއާއި ރަޝިޔާ ފިޔަވައި އެހެން މެންބަރުން ވަނީ ޤަރާރަށް ތާޢީދުކޮށް ކޮށްފައެވެ. މި ޤަރާރު ފާސް ކުރުމަށް ތާޢީދު ކުރާނެ ކަމަށް އެމެރިކާއިން ކުރިން ބުނެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް، މިއީ ޔޫއޭއީން އެންމެ ފުރަތަމަ އެކުލަވައިލި ޤަރާރުގެ ދެލިކޮޕީއެއް ނޫނެވެ. އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ޤަރާރަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ޔޫއޭއީން އެންމެ ފުރަތަމަ ހުށަހެޅި ދެލިކޮޕީގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން ގޮވައިލާފައިވެއެވެ. އަދި، ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރުމުގެ ބާރު އދއަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެމެރިކާގެ ފިއްތުންތަކާ އެކު އެބައިތައް ވަނީ ޤަރާރުން އުނިކޮށްފައެވެ. އަދި، ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގައި ގޮތް ނިންމުމުގެ ބާރު މި ވަނީ ޔަހޫދީންގެ އަތްމައްޗަށް ދޫކޮށްލާފައެވެ.

Advertisement

ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި ޔަހޫދީންގެ ޢުދުވާނާ ގުޅޭ ގޮތުން އޮތީ، ދެ ފަރާތުގެ ދެމެދުގައި ޙަމަލަ ބަދަލު ކުރުން ހުއްޓައިލުމަށް މަސައްކަތް ކުރެވޭނެ މާޙައުލެއް ގާއިމު ކުރުމަށެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓައިލަން، ނުވަތަ ހުއްޓުވަން ގޮވައިލާފައެއް ނެތެވެ. މިއީ، އެމެރިކާއިން މަޖުބޫރު ކުރުވައިގެން ޤަރާރަށް ގެނެސްފައިވާ ބަދަލުތަކެކެވެ. މި ކަމުން ވެސް ދޭހަކޮށްދެނީ، ޔަހޫދީންގެ ޢުދުވާނަކީ އެމެރިކާގެ ފުރިހަމަ ތާޢީދާއި، އެހީތެރިކަމާ އެކު ހިންގަމުންދާ ޢުދުވާނެއް ކަމެވެ.

ޣައްޒާގެ 2.3 މިލިޔަން މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން އެ ދަނީ، ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭ ފަދަ ލާއިންސާނީ، އަނިޔާވެރި، އަދި ރަޙުމު ކުޑަ ޢުދުވާނެކެވެ. މި ޢުދުވާނާ ގުޅިގެން ޣައްޒާގެ އާބާދީގެ 90 އިންސައްތަ މީހުން ވަނީ ގެދޮރު ނެތިފައެވެ. އެ މީހުން ދުވަސްތައް ވޭތުކުރަމުން އެ ދަނީ ހައިހޫނު ކަމުގައެވެ. އެ މީހުން ތަޙައްމުލު ކުރަމުން އެ ދަނީ "ދުނިޔެ މަތީގައިވާ ނަރަކައެއް" ފަދަ ބިރުވެރި، އަދި ވޭންދެނިވި ޙާލަތެއް ކަމުގައި އދގެ އޮފިޝަލުން ވަނީ ސިފަ ކޮށްފައެވެ.

ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން އިތުރު ކުރުމަށް ޤަރާރުގައި ގޮވައިލާފައިވީ ނަމަވެސް، އެ ކަން ކުރެވޭނެ ގޮތެއް ނެތް ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބުނެއެވެ. ސަބަބަކީ، ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޢުދުވާނެވެ. ހުއްޓުމެއް ނެތި ޣައްޒާއަށް ބޮންއަޅަމުންދާތީ، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައި އދގެ އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ.

"ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުން. އެހީ ފޯރުކޮށްދިނުމުގެ ކެމްޕޭނެއް ހިންގޭނީ، އެ ކަން ކުރަން ތިބި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީގެން. އެ ކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަވެގެން،" އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ.

ޔޫއޭއީގެ ޤަރާރަށް ވޯޓަށް އެހުމުގެ ކުރިން ރަޝިޔާއިން ވަނީ، އެމެރިކާއިން ޤަރާރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ތުހުމަތުކޮަށް، ޤަރާރުގެ ދެލިކޮޕީ އަލުން އިސްލާޙު ކުރަން ހުށަހަޅާފައެވެ. ރަޝިޔާއިން ބޭނުންވީ ޔަހޫދީންގެ ޢުދުވާނާ ގުޅޭ ގޮތުން އޮތް ބައިތައް އިތުރަށް ހަރުކަށި ކުރާށެވެ. "ޤަރާރު ފާސްވެގެން މި ދިޔަ ގޮތުން ޔަހޫދީންނަށް ޣައްޒާގައި ހިތުހުރި ގޮތަކަށް ހަރަކާތްތެރިވެ، އަމަލު ކުރުމުގެ ބާރު ލިބިގެން ގޮސްފި. ޣައްޒާ އިތުރަށް ސުންނާފަތި ކުރުމަށް ޖާގަ ދެވިއްޖެ،" ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނިބެންޒިޔާ ވިދާޅުވިއެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުވުމަށް މި މަހުގެ ކުރީކޮޅު ހުށަހެޅި ޤަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯގެ ބާރުގެ ބޭނުންކޮށް ފޭލު ކޮށްލާފައެވެ. އަދި، ޔޫއޭއީން އެންމެ ފަހުން ހުށަހެޅި ޤަރާރަށް ވޯޓަށް އަހާފައި މި ވަނީ، އެމެރިކާގެ ފިއްތުންތަކާ އެކު ހަތަރު ދުވަހަށް ފަސް ކުރުމަށް ފަހުއެވެ. ޔަހޫދީންނާ ދެކޮޅަށް އދގައި ކުރާ ހުރިހާ މަސައްކަތަކަށް، އަދި އަޅާ ކޮންމެ ފިޔަވަޅަކަށް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ. އަދި، ޔަހޫދީން ހިމާޔަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

Advertisement

ކޮމެންޓް