މާސްކުން ދަތުރުތައް އަލުން ފަށަނީ
ޑެންމާކުގެ ޝިޕިން ކުންފުނި އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޝިޕިން ކުންފުނި އޭޕީ މޮލަރ މާސްކުން ރަތް ކަނޑާއި ޚަލީޖް ޢަދުންގެ ދަތުރުތައް އަލުން ފަށަން ތައްޔާރުވެއްޖެއެވެ. ދަތުރުތައް އަލުން ފަށަން ނިންމީ އެ ސަރަޙައްދުން ދަތުރުކުރާ ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާ އިސްވެ އޮވެ އަސްކަރީ ޙަރަކާތެއް ހިންގާނެ ކަމަށް ޢިއުލާނުކުރުމުންނެވެ.
ރަތް ކަނޑުގެ ދަތުރުތައް މާސްކުން ހުއްޓައިލައިފައިވަނީ އެ ކުންފުނީގެ ބޯޓުތަކަށް މި މަހު ކުރީކޮޅު ދިން ޙަމަލާތަކެއްގެ ސަބަބުންނެވެ. ޙަމަލާތަކުގެ ސަބަބުން ރަތް ކަނޑާއި ގުޅިފައި އޮންނަ ބާލް އަލް މަންދީބުގެ ކަނޑު އޮޅިން އެ ކުންފުނީގެ ބޯޓުތައް ދަތުރުކުރުން މަޑުޖައްސާލުމަށް ކުންފުނިން ވަނީ އަންގައިފައެވެ.
އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ޙޫޘީން ޖަމާޢަތުން ޔަހޫދީ ބޯޓުފަހަރަށް ދެމުންދާ ޙަމަލާތަކުން ރަތް ކަނޑުގެ ވިޔަފާރި ޙިމާޔަތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމެރިކާއިން ޢިއުލާނުކޮށްފައި ވަނީ މިދިޔަ ހަފުތާއެވެ.
މާސްކުގެ ދަތުރުތައް މިހާރު ކުރަނީ އެފްރިކާގެ ވަށައިގެން އޮންނަ ކޭޕް އޮފް ގުޑް ހޯޕް މެދުވެރިކޮށެވެ. ދިގު ދަތުރާ ގުޅިގެން ކުރާ އިތުރު ޚަރަދުތައް ފޫބެއްދުމަށް އޭޝިއާއިން އަންނަ ޝިޕްމަންޓްތަކަށް ކޮންޓެއިނަރ ސާޗާޖް ނަގާނެ ކަމަށް މަސްކުން ވަނީ ބުނެފައެވެ. ރަތް ކަނޑުގައި ދަތުރުތައް ކުރަމުން އަންނަ ބޯޓުތަކަށް ޙަމަލާދިނުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުން ދަތުރުކުރުން ހުއްޓައިލައިފައެވެ.
ރަތް ކަނޑުން ޔަހޫދީ ރަށްތަކަށް ދަތުރުކުރާ ކޮންމެ ބޯޓަކަށް ޙަމަލާދޭނެ ކަމަށް ޙޫޘީން ވަނީ ބުނެފައެވެ. ޙޫޘީން އެ ގޮތަށް ޢަމަލުކުރަނީ ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކުރުމުގެ ގޮތުންނެވެ.