ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ސަރުކާރުގެ ބޮންޑެއް ވިއްކަނީ
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ޓްރެޝަރީ ބޮންޑެއް ވިއްކަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ މެދުރާސްތާ ދަރަނި މެނޭޖްކުރުމުގެ ސްޓްރެޓަޖީގެ ދަށުން 50 މިލިއަން ރުފިޔާގެ ބޮންޑެއް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް މިދިޔަ ހޯމަ ދުވަހު އިޝޫކޮށްފައިވާ ކަމަށެވެ.
އޭގެ ސަބަބުން ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓުކުރާ ފަރާތްތައް އިތުރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބޮންޑުގެ އިތުރުން، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.9 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ވެސް ވަނީ ހުޅުވާލާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 27 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 103 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިއަން ރުފިޔާގެ ޓީ-ބިލެވެ. އަދި 181 ދުވަހުން އަނބުރާ ދެއްކުމަށް 119 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 363 ދުވަހުން އަނބުރާ ދެއްކުމަށް 829.9 މިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކަން ވަނީ ހުޅުވާލާފަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.
ޓީބިލު ވިއްކާ އުސޫލަކީ އެ ބޮންޑު ވިއްކުމަށްފަހު އެ މެޗުއާވުމުން ކަނޑައެޅިފައިވާ އިންޓަރެސްޓު ރޭޓުގައި ސަރުކާރުން އެ ގަތް ފަރާތްތަކަށް އަނބުރާ ފައިސާ ދޭ ގޮތަށެވެ. ޓީބިލަކީ ކުރު މުއްދަތަށް ސަރުކާރުން ދަރަނި ނެގުމަށް ބޭނުންކުރާ މާލީ އާލަތެކެވެ.