ހަމާސްގެ އިސް ލީޑަރަކު ޝަހީދުކޮށްލައިފި
އިޒްރޭލުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ސަލާހު އަލް އަރޫރީ ޝަހީދުކޮށްލައިފި އެވެ.
އަލް އަރޫރީ ޝަހީދުކޮށްލާފައިވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތްގެ ސަރަހައްދަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގަ އެވެ. މި ހަމަލާގައި ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީނުލް ގައްސާމް ބްރިގޭޑުގެ ހަތަރު ލީޑަރަކާއި އިތުރު ހަތަރު މީހަކު ވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.
މި ހަމަލާއާ ގުޅިގެން ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނީއްޔާ ވިދާޅުވީ މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި އަދި މިއީ އިޒްރޭލުން ލުބްނާނުގެ ސިޔާދަތަށް އަރައިގަތުން ކަމަށެވެ. އަދި މިފަދަ ހަމަލާތައް ދިން ނަމަވެސް އިޒްރޭލަށް ހަމާސް ބަލިނުކުރެވޭނެ ކަމަށާއި މިފަދަ ހަމަލާތަކުން އެ ޖަމާއަތް އިތުރަށް ވާނީ ވަރުގަދަ ކަމަށްވެސް ހަނީއްޔާ ވިދާޅުވި އެވެ.
މީގެއިތުރުން ހަމާސް އިން ވަނީ އިސް ލީޑަރަކު ޝަހީދުކޮށްލި ނަމަވެސް ފަލަސްތީނުގެ ގާޒާގައި އިޒްރޭލާ ދެކޮޅަށް ހިތްވަރާއެކު ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށްވެސް ބުނެފަ އެވެ.
މި ހަމަލާ ލުބްނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީ ވެސް ކުށްވެރިކުރައްވާފައިވާއިރު، އިޒްރޭލުން މިފަދަ ހަމަލާއެއް ދީފައިވަނީ އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި ހަމާސްގެ ގާތް ބައިވެރިއެއް ކަމަށްވާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތާއި އިޒްރޭލާ ދެމެދު ކޮންމެ ދުވަހަކުހެން ގޮތަކަށް ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ލުބްނާނަށް ދިން މި ހަމަލާއާ ގުޅޭގޮތުން އިޒްރޭލުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.