ޔޮޓުތަކާއި ކްރޫޒްލައިނާތަކުން ނަގާ ފީ ކުޑަކޮށްފި
ބޭރުގެ ޔޮޓުތަކާއި ރާއްޖެ އަންނަ ކްރޫޒްލައިނާތަކުން ނަގާ ފީ ކުޑަކޮށްފި އެވެ.
އަލަށް އަމަލު ކުރަން ފެށި ގަވާއިދަކާ އެކީ ފީތައް ކުޑަކޮށްފައި މި ވަނީ ކުރިން ގަވާއިދަށް ގެނައި އިސްލާހަކާ ގުޅިގެން ފީތައް ބޮޑުވެ، ރާއްޖެ އަންނަ ކްރޫޒްލައިނާތައް ކެންސަލްކުރަން ފަށާފައި ވަނިކޮށެށެވެ.
އެހެންވެ ރާއްޖެ އަންނަ ކްރޫޒުލައިނާތަކުން ނަގާ ބައެއް ފީތަކަށް ބަދަލު ގެނެސް ސަރުކާރުން މިހާރު ވަނީ ގަވާއިދު އާންމުކޮށްފަ އެވެ.
ކްރޫޒްލައިނާތަކުގައި ރާއްޖެ ޒިޔާރަތްކުރާ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނަގަން މިދިޔަ ސެޕްޓެމްބަރު އާންމުކުރި ގަވާއިދަށް އަމަލު ކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެންނެވެ.
ކުރިން އަމަލުކުރަން ފެށި ގަވާއިދު ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އާ ގަވާއިދުގެ ދަށުން ހަފުތާއަކަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ ޕެސެންޖާ ލައިނާތަކުން ރާއްޖޭގެ ސަރަހައްދުގައި ބަނދަރު ކުރުމަށް ނުވަތަ ދުއްވުމަށް ދުވާލަކަށް ދައްކަން ޖެހޭ 100 ޑޮލަރުގެ ފީ އިން އިސްތިސްނާވާނެ އެވެ. އަދި އެފަދަ އުޅަނދުތަކުން ޗާޓަރު ލައިސަންސް ނެގުން ވެސް ލާޒިމެއް ނުވާނެ އެވެ.
ނަމަވެސް ހަތް ދުވަހަށް ވުރެ ކުރު މުއްދަތަކަށް އަންނަ ކްރޫޒްލައިނާތަޖުން ވެސް ދުވާލަކު 850 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ އެވެ.