އީރާނުގައި ބޮމެއް ގޮއްވާލައި 70އަށްވުރެ ގިނަ މީހުން މަަރައިލައިފި
އީރާނުގެ އިރުދެކުނުގައިވާ ކަރްމާންގައި ދެ ބޮން ގޮއްވައިލައިގެން ދިން ޙަމަލައެއްގައި ޢާންމުންގެ 73 މީހުން މަރުވެއްޖެއެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަވަހާރަ ކޮށްލާފައިވާ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ މަޤުބަރާ ކައިރީގައެވެ. ބޮންތައް ގޮއްވައިލާފައި ވަނީ ސުލައިމާނީގެ މަރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް އޭނާއަށް އިޙުތިރާމު އަދާ ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މަޤުބަރާ ކައިރިއަށް ޖަމާވެފައިވާ ވަޤުތެއްގައެވެ.
ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނީ 2020 ވަނަ އަހަރު އެމެރިކާއިން ޢިރާޤުގައި ދިން ޑްރޯން ޙަމަލައެއްގައެވެ. އޭނާގެ މަޤުބަރާ ކައިރީގައި ބޮންތަކެއް ގޮއްވައިލައިގެން ދިން ޙަމަލާގައި އިތުރު 170 މީހުން ޒަޚަމުވެފައިވެއެވެ.
އީރާނުގެ މީޑިޔާތަކުން އާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ ޙަމަލާގައި ޒަޚަމުވި މީހުންނަށް ފަރުވާ ދިނުމަށް ރެޑް ކްރެސެންޓުގެ ޞިއްޙީ ޚިދުމަތްތެރިން މަސައްކަތް ކުރަމުންދާ މަންޒަރެވެ. މި ޙަމަލަތަކުގައި ޒަޚަމު މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ޙަމަލަތަކުގެ ފަހަތުގައި ތިބީ ކޮން ބަޔެއް ކަން އަދި ސާފެއް ނޫނެވެ.ސުލައިމާނީއަކީ، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އެންމެ ބާރުގަދަ ގޮފި ކަމުގައިވާ ޤުދްޞް ފޯސްގެ އެންމެ އިސްވެރިޔާއެވެ. އޭނާ ޝަހީދު ކޮށްލުމަށް ޢަމުރު ކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. 62 އަހަރުގެ ސުލައިމާނީ ޝަހީދު ކޮށްލާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހެވެ. އޭނާ މަރައިލާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.
ސުލައިމާނީއަކީ އީރާނުގެ ޢާންމުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. އީރާނުން މެދުއިރުމަތީގެ ޤައުމުތަކުގައި ހިންގާ އަސްކަރީ އަދި ޖާސޫސީ ޙަރާކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އޭނާއެވެ. އަދި، އޭނާއަކީ 1980ން 1988 ވަނަ އަހަރާ ދެމެދު ކުރި އީރާން-ޢިރާޤު ހަނގުރާމައިގެ ބަޠަލެއްގެ ގޮތުގައި އީރާނުގެ ރައްޔިތުން ޤަބޫލު ކުރާ ބޭފުޅެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ސުލައިމާނީ ޝަހީދު ކޮށްލާފައި ވަނީ އިރާޤުގެ ވެރިރަށް ބަޣްދާދުގެ ވައިގެ ބަނދަރަށް ދިން ޑްރޯން ޙަމަަލައެއްގައެވެ. މި ޙަމަލާގައި ޢިރާޤުގެ އަސްކަރިއްޔާގެ އިސްވެރިއެއް ކަމުގައިވާ ލެފްޓިނެންޓް އަބޫ މަޙުދީ އަލް-މުހަންދިސް ވެސް ޝަހީދުވިއެވެ.