ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް ދަތުރުކުރެވޭނެ
ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.
ހޯމަ ދުވަހު ފޮރިން މިނިސްޓްރީން ބުނީ މޮންގޯލިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލާ 12 ޖެނުއަރީ 2024 އިން ފެށިގެން ދަތުރު ކުރެވޭނެ ކަަމަށެވެ.
ރާއްޖެއާއި މޮންގޯލިއާއެކު ގާއިމްކުރި ވީސާއާ ގުޅޭ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ދުރާލާ ވިސާ ނެގުމަކާއި ނުލައި 30 ދުވަހުގެ މުއްދަތަކަށް ދަތުރުކޮށް، ޓްރާންސިޓް ވެވޭނެއެވެ.
ވިސާގެ އެއްބަސްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދިގު މުއްދަތަކަށް މަޑުކުރަން ނުވަތަ ވަޒީފާ އަދާކުރަން ނުވަތަ ކިޔަވަން ދާން ނުވަތަ މޮންގޯލިއާގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިން ދަތުރުކުރުމުގެ ކުރިން އެކަށީގެންވާ ވިސާ އެއްނަގަން ޖެހޭނެ ކަމަށެވެ.
މިހާރުވެސް 90 އަށްވުރެ ގިނަ ގައުމަށް ވިސާ ނެތި ދިވެހިންނަށް ދަތުރުކުރެވެއެވެ.