ޗައިނާ ބޯޓުގެ ހަރަކާތްތައް ގާތުން ބަލާނަން
ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދިރާސާތަކަށް ބޭނުންކުރާ ޗައިނާގެ އުޅަނދެއް ކަމަށްވާ 'ޝަންގް ޔަންގް ހޮންގް 3' ގެ ހަރަކާތްތައް ގާތުން ބަލާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގެ ނޭވީ ޗީފް، އެޑްމިރަލް އާރް ހަރީ ކުމާރު ވިދާޅުވީ ދިރާސާތައް ހެދުމަށް އަންނަ ބޯޓުތައް މީގެކުރިން ވެސް މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ކަނޑުގެ ސަރަހައްދުގައި އެގައުމުތަކާ ގުޅިގެން ދިރާސާތަކެއް ކޮށްފައިވާ ކަމަށާއި ފަހަރުގައި ޗައިނާގެ ބޯޓަކީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ދެ ގައުމު ގުޅިގެން ދިރާސާތަކެއް ހެދުމަށް އަންނަ އުޅަނދަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަހަރުމެން އެ އުޅަނދުގެ ހަރަކާތްތައް ވަރަށް ގާތުން ބަލާނަން،" އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދެނީ އެ އުޅަނދަށް ބޭނުންވާ އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދޭން ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައި ވާތީ އެވެ. އެ އުޅަނދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ އަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.
ޗައިނާގެ މި އުޅަނދު މިދިޔަ ހަފްތާގައި ލަންކާ އަށް ބަނދަރު ކުރަން މަސައްކަތް ކުރި ނަމަވެސް ލަންކާގެ އެއްވެސް ބަނދަރަކަށް ވަނުމަށް އެގައުމުން ހުއްދަ ދީފައެއް ނުވެ އެވެ. މިއީ އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނުކުރަން ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަށް ދެއްވާފައިވާ ޔަގީންކަމުގެ މައްޗަށް ނިންމި ނިންމުމެކެވެ.
ޗައިނާގެ މި އުޅަނދު ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންދާއިރު، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ވަނީ ޗައިނާއާ އެކު ގުޅުން ވަރުގަދަކޮށްފަ އެވެ. އަދި އަވަށްޓެރި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ފާއިތުވި ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފަ އެވެ.