ސްޕެނިޝް ކަޕުން ބާސާ ކަޓައިފި
އެތްލެޓިކޯ ބިލްބާއޯ އަތުން 4-2 އިން ބަލިވެ ސްޕެނިޝް ކަޕުން ބާސެލޯނާ ކަޓައިފި އެވެ.
ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ގޯކާ ގުރުޒެޓާ ވަނީ ބިލްބާއޯ އަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީގެ ގޯލުން ބާސާ އިން ނަތީޖާ އެއްވަރުކުރިއިރު، މެޗުގެ 32 ވަނަ މިނެޓްގައި ބާސާގެ 16 އަހަރުގެ ލަމީން ޔަމާލް ވަނީ ބާސާ އަށް ލީޑު ނަގައިދީފަ އެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އޮއިހަން ސަންކެޓް ބިލްބާއޯ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު، މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެގޮތުން މެޗުގެ 105 ވަނަ މިނެޓްގައި އިނާކީ ވިލިއަމްސް ބިލްބާއޯ އަށް ލީޑު ނަގައިދިން އިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އިނާކީ ވިލިއަމްސްގެ ކޮއްކޮ ނިކޯ ވިލިއަމްސް އެވެ.
ބާސާގެ އިތުރުން މި މުބާރާތުން މީގެކުރިން ރެއާލް މެޑްރިޑު ވެސް ވަނީ ކަޓާފަ އެވެ. ފާއިތުވި 15 ސްޕެނިޝް ކަޕްގެ ތެރެއިން 10 ސްޕެނިޝް ކާމިޔާބުކޮށްފައިވަނީ ބާސާ އާއި ރެއާލުންނެވެ.