އުރުދުންގައި ތިބި އެމެރިކާ ސިފައިން މަރައިލީ އީރާނަކުން ނޫން
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒަކަށް ޑްރޯން ޙަމަލާއެއްދީ ތިން ސިފައިން މަރައިލި ޙާދިޘާގައި އީރާނުގެ އަތެއްވާ ކަމަށް ކުރާ ތުހުމަތުތައް އެ ޤައުމުން ދޮގުކޮށްފިއެވެ.
ޑްރޯން ޙަމަލާ ދީފައި ވަނީ އުރުދުންނާއި ސޫރިޔާ ގުޅޭ ސަރަޙައްދުގައި ހުންނަ ޓަވަރ 22ގެ ނަން ދީފައިވާ ކުޑަ އަސްކަރީ މަރުކަޒަކަށެވެ. އެ ޙަމަލާގައި 34 ވަރަކަށް ސިފައިން ޒަޚަމުވެފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ. އެ ޙަމަލާގެ ފަހަތުގައި އޮތީ އީރާން ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރް އަލް-ކަންޢާނީ ވިދާޅުވީ އެއީ އެއްވެސް ޙަޤީޤަތެއް ނެތް ތުހުމަތުތަކެއް ކަމުގައެވެ. އަދި ޢިރާޤާއި ސޫރިޔާ ހިމެނޭ ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ ގެއްލިފައި ވަނީ އެމެރިކާއިން އެ ދެ ޤައުމަށް ބޮން އަޅަމުންދާތީ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އުރުދުންގެ ޓަވަރ 22އަށް ދީފައިވާ ޙަމަލާއަކީ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ފެށި ފަހުން މެދުއިރުމަތީގެ ޤައުމެއްގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ބަޔަކަށް ޙަމަލާދީ މަރައިލާފައިވާ ފުރަތަމަ ފަހަރެވެ. އެ މަރުކަޒަށް ޙަމަލާ ދީފައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ތުހުމަތު ކުރައްވައެވެ.
އެމެރިކާގެ ތުހުމަތުތައް ދޮގު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަންޢާނީ ވިދާޅުވީ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކަކީ އީރާނުން ބާރުފޯރުވާ ޖަމާޢަތްތަކެއް ނޫން ކަމުގައެވެ. އަދި އެ ޖަމާޢަތްތަކަށް ޢަމުރު ކުރަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން ކަމަށް ބުނެ ބައިޑަން ކުރައްވާ ތުހުމަތުތައް ވެސް އޭނާ ދޮގު ކުރެއްވިއެވެ. އެކްސިސް އޮފް ރެސިސްޓެންސަކީ ޔަހޫދީންނާއި އެމެރިކާއާ ދެކޮޅަށް ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކެކެވެ.
އެމެރިކާގައި ހުންނަ އީރާނުގެ މިޝަނުން ވެސް ވަނީ އުރުދުންގައި ދިން ޙަމަލާގައި އެ ޤައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމުގައި ބުނެފައެވެ. އަދި އެއީ މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާއި އެމެރިކާއާ ދެމެދު އޮތް މައްސަލައެއް ކަމުގައި ވެސް އެ މިޝަނުން ބުންޏެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތައް ފެށުމުން މެދުއިރުމަތީގެ ޤައުމުތަކުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށްދޭ އެފަދަ ޙަމަލާތައް އިތުރު ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެ ދުވަހަށް ފަހު މިހާތަނަށް 158 ޙަމަލާއެއް ދީފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކާއި އެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.