ހަތަރު ވަނަ ދައުރަކަށް އީވާ ވާދަ ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުﷲ މަޖިލީހުގެ ހަތަރުވަނަ ދައުރަށް ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އީވާ ވާދަކުރައްވަނީ މިހާރުވެސް ތަމްސީލު ކުރައްވަމުން ގެންދަވާ ގަލޮޅު އުތުރު ދާއިރާ އެވެ.
ޕްރައިމަރީއަކާ ނުލައި އީވާ އަށް އެ ދާއިރާގެ ޑިމޮކްރެޓްސްގެ ޓިކެޓު ކަށަވަރުވެފައި ވަނީ އިތުރު ބޭފުޅަކު އެ ދާއިރާއަށް ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ނުވާތީ އެވެ.
އީވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުކުރީ 2009 ވަނަ އަހަރު އެވެ.
އީވާ އަކީ ފެށި ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެވަނަ އަންހެން ބޭފުޅާ އެވެ. އާ ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު މީގެކުރިން ދެން ބެލެހެއްޓެވި އަންހެން ބޭފުޅަކީ މ. އަތޮޅުގެ ކުރީގެ މެންބަރު އަދި އަނީސާ އަހްމަދެވެ.
ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި އީވާގެ އިތުރުން ދެން ހިމެނެނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ޑިމޮކްރެޓުންގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއެއްގަ އެވެ. ދަ ޑިމޮކްރެޓްސްއިން މަޖިލިސް ޕްރައިމަރީ ބާއްވާ ދާއިރާތަކަކީ ހެންވޭރު ދެކުނު ދާއިރާ އާއި ކަނޑިތީމު ދާއިރާ އާއި ކެލާ ދާއިރާގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާ އެވެ.