ޕީޖީ ޝަމީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ސައިކަލެއްގައި އައި ދެ މީހުން ވެގެން ކަމަށެވެ. އެ ދެ މީހުން ޝަމީމަށް ހަމަލާ ދިނީ ހަތިޔާރު ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. މިހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދަވާފައިވާއިރު ޝަމީމް ހާލު މިހާރު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ޚިދުމަތުން ތަހްގީގު ކުރަމުން އަންނައިރު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުވަނީ ޝަމީމްގެ ހާލު ބެއްލެވުމަށް އޭޑީކޭއަށްވެސް ވަޑައިގެންފައެވެ.
ޝަމީމަށް ހަމަލާދިނުން ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައެވެ.