އައިވަރީ ކޯސްްޓް ތަށި އުފުއްލާލައިފި
ނައިޖީރިއާ 2-1 އިން ބަލިކުރުމަށްފަހު އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން މުބާރާތް ބޭއްވި ގައުމު ކަމަށްވާ އައިވަރީ ކޯސްޓުން ހޯދައިފި އެވެ.
މިއީ އައިވަރީ ކޯސްޓުން މި މުބާރާތް ހޯދި ތިންވަނަ ފަހަރެވެ. އަދި މިއީ 2006 ވަނަ އަހަރަށް ފަހު މުބާރާތް ބޭއްވި ގައުމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
އެފްރިކާގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓް ހޯދިއިރު، އެޓީމުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖާ ހިސާބުން ކޯޗު ވަކިކޮށްފަ އެވެ. މުބާރާތް އައިވަރީ ކޯސްޓުން ކާމިޔާބު ކުރީ ވަގުތީ ކޯޗަކާއެކު އެވެ.
ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނައިޖީރިއާ އިންނެވެ. އައިވަރީ ކޯސްޓުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މެޗުގެ 38 ވަނަ މިނެޓްގައި މި ގޯލު ނައިޖީރިއާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޓްރޫސްޓް-އެކޮންގް އެވެ.
ނައިޖީރިއާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި އައިވަރީ ކޯސްޓުން ދިޔައީ ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 62 ވަނަ މިނެޓްގައި ފްރެންކް ކެސީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ނައިޖީރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން އައިވަރީ ކޯސްޓު މޮޅުވި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސެބަސްޓިއަން އަލެއާ އެވެ. އަލެއާ މި ގޯލު ކާމިޔާބު ކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އައިވަރީ ކޯސްޓުގެ އަޑިންގްރާ ނަގައިދިން ހުރަހަކުންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން އައިވަރީ ކޯސްޓަށް ވަނީ 7 މިލިއަން ޑޮލަރު ފައިސާގެ އިނާމެއްގެ ގޮތުގައި ލިބިފަ އެވެ.