"ކްރިއޭޓަރ ހަބް" އިމާރާތްކުރުމަށް ބަޔަކާއި ޙަވާލުކޮށްފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ޤާއިމުކުރާ "ކްރިއޭޓަރ ހަބް" ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.
ކްރިއޭޓަރ ހަބަކީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބީސީސީއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކްރިއޭޓަރ ހަބް އިމާރާތްކުރަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައެވެ.
މި މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުޞޫލުން 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމުކުރާ މި ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައިކަމަށް ބީސީސީން މައުލޫމާތުދެއެވެ.
ކްރިއޭޓަރ ހަބް އިމާރާތް ކުރުމަށް ބީސީސީއިން ބިޑަށް އިޢުލާން ކޮށްފައިވަނީ 1 ޖެނުއަރީ 2024 ގައެވެ. ކްރިއޭޓަރ ހަބް އިމާރާތުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދެވެ. އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ފަޔާޒެވެ.
"ކްރިއޭޓަރ ހަބް" އަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
11 ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި، ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށްކަމަށް ބީސީސީން ހާމަކުރެއެވެ.
"ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބީސީސީން ދަނީ މި ސިނާއަތުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.
ބިޒްނަސް ސެނޓަރ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.