"މިނިވަން އުފާ - މުޅި ރާއްޖެއިން" މި ޝިޢާރާއެކު މިއަހަރުގެ މިނިވަންދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ ކޯވިޑް-19 އަށްފަހު، މިނިވަން ދުވަހުގެ ޙަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
މިނިވަން ދުވަސް ފާހަގަކުރެއްވުމަށް މިއަހަރު މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 25 ން ފެށިގެން އޯގަސްޓްމަހުގެ 4 ވަނަ ދުވަހާ ހަމައަށް ތަފާތު ޙަރަކާތްތަކެއް ހިންގަވާނެއެވެ.
މިނިވަން ދުވަހުގެ ޙަރަކާތްތައް ރަސްމީކޮށް ފަށްޓަވާނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމުންނެވެ. އެއަށްފަހު 26 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަވާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް ޢިމާރާތެއްގައެވެ.
އެމް.އެން.ޑީ.އެފްގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓްމާޗްއާއި މިނިވަން ދުވަހުގެ ޚާއްޞަ ފުޅަނދުބުރު ޙަރަކާތްތައް މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނީ 27 ވާ ބުރާސްފަތި ދުވަހުއެވެ.
އަދި މީގެ އިތުރުން ހޯމް މިނިސްޓްރީ އާއި އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "މިނިވަން އުފާ" ކާނިވާ އޮންނާނީ މިމަހުގެ 28 ން އޯގަސްޓް 4 ގެ ނިޔަލަށެވެ. މި ކާނިވަލުގައި އެކި އުމުރުގެ މީހުންވެސް ޝައުޤުވެރިވާނެ ތަފާތު ގިނަ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނޭނެއެވެ. އެގޮތުން ބަޑިބޭހުގެ ކުޅިވަރުތަކާއި، ރާއްޖޭގައި މުޅިން އަލަށް ޑްރޯން ޝޯވއެއް ބޭއްވުމާއި، ސްޓޭޖް ޝޯވ ޙަރަކާތްތައްވެސް ކާނިވަލްގައި ހިމެނޭނެއެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެގޮތުން ކުޅުއްދުއްފުށި ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން، އިތުރު 10 ރަށެއްގައި މިނިވަން ދުވަހުގެ ކުޅިވަރުތައް ކުރިއަށްދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީތަކުގައިވެސް މިނިވަންދުވަހާގުޅޭ ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން މިނިވަންދުވަހާ ގުޅުވައިގެން ޚާއްޞަ 3 މުބާރާތެއްވެސް ހޯމް މިނިސްޓްރީން އަންނަނީ ހިންގަވަމުންނެވެ. އެގޮތުން ސްކޫލްތަކަށް ހުޅުވާލައްވައިގެން މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތެއް ވަނީ ފަށްޓަވައިފައެވެ. އަދި އާއްމުންނަށް ހުޅުވާލައްވައިގެން ފޮޓޯގްރަފީ މުބާރާތެއްވެސް ކުރިޔަށް އެބަގެންދަވައެވެ. މިއިން ކޮންމެ މުބާރާތެއްގައި އަގުހުރި ފައިސާގެ އިނާމުތަކެއް ހުށަހެޅިފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.