28 ޖޫން 2026

Advertisement

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި

28 ޖޫން 2026

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑީވްސް)ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި އެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުޅިވަރުގެ ހުނަރު އިތުރުކުރުމާއި، އެކުދިން މުޖުތަމައަށް ނެރުމުގެ މަގްސަދުގައި ބޭއްވުނު މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 90 ކުދިން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިންނެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށުގެ އުމުރުފުރާއާއި 12 އަހަރުން މަތީގެ އުމުރުފުރާއެވެ. މުބާރާތުގެ ތެރޭގައި ހިމެނުނު ކުޅިވަރުތަކުގެ ތެރޭގައި 50 މީޓަރު، 80 މީޓަރު، 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރުގެ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑް ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕް ހިމެނެއެވެ.

Advertisement

މިއީ އެސް.އޯ މޯލްޑިވްސް އިން މި މުބާރާތް ބޭއްވި ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންކްލޫސިވް ސްޕޯޓްސް ނުވަތަ އެންމެން ބައިވެރިވާ ކުޅިވަރުގެ ހަރަކާތްތައް ހިންގަމުން އަންނަ އެސް.އޯ މޯލްޑިވްސް އިން ވަނީ މިއަހަރުގެ މުބާރާތުގެ ފެންވަރު މަތިކޮށްފައެވެ. އެގޮތުން މުބާރާތުގެ ނަން "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މިއަހަރުގެ "ފަސްޓް ނޭޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" އާ ގުޅޭގޮތުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއަރޕަރސަން އިބްރާހީމް ރަމީޒް ވިދާޅުވީ، މިއަހަރުގެ މުބާރާތުގެ ނަމުގައި "ފަސްޓް" ނުވަތަ ފުރަތަމަ މި ލަފްޒު ބޭނުންކޮށްފައި އޮތުމުން ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދައި ގުޅަމުންދިޔަ ކަމަށެވެ. އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، ފާއިތުވި ދެ އަހަރަށް ބަލާއިރު މިއަހަރުގެ މުބާރާތުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް މަތިކުރެވިފައެވެ. އަދި މިއަހަރުން ފެށިގެން އެސް-އޯ މޯލްޑިވްސްގެ އެތުލެޓިކްސް މުބާރާތްތައް ދެން ކުރިއަށްދާނީ ގައުމީ ފެންވަރުގެ މުބާރާތްތަކެއްގެ ގޮތުގައި ކަމަށްވާތީ، އެ ލެވެލްގައި ބޭއްވޭ ފުރަތަމަ މުބާރާތަށް ވާތީ "ފަސްޓް" ޖަހާފައިވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިީމް ރަމީޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ވީހާވެސް ގިނަ ކުދިންތަކެއް މި މުބާރާތުގައި ބައިވެރިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރު ވެސް ބައެއް ރަށްރަށުން ބައިވެރިވުމަށް އެދި ހުށަހެޅި ނަމަވެސް، މާލެ އައުމާއި، ހުރުމާއި ކެއުން ފަދަ އެހެނިހެން ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ނުލިބުނުކަން އޭނާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

މި މުބާރާތް ނިންމާލުމުގެ ގޮތުން އިއްޔެ ބޭއްވި މެޑަލް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟީލާ ފާޠިމަތު މުޙައްމަދެވެ. މި ހަފްލާގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަލްފާޟީލް މުސްޠަފާ މުޙައްމަދާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްފާޟިލާ އަދީލާ ރުސްދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންކްލޫސިވް ސްޕޯޓްސް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ހަރަކާތްތައް ހިންގަމުން އަންނަ އެސޯސިއޭޝަނެވެ.

Advertisement

ކޮމެންޓް