ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައި ފެނުގެ ހިދުމަތް ރައީސް ފައްޓަވައިދެއްވައިފި
މ. ކޮޅުފުށީ ގޮނޑުދޮށް ޚިމާޔަތް ކުރުމާއި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާ ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ކޮޅުފުއްޓަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދަށް ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.
މި ދެ މަޝްރޫޢުގެ ތެރެއިން ކޮޅުފުށީ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 28 ނޮވެމްބަރު 2021 ގައެވެ.
ކޮޅުފުއްޓަކީވެސް ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. ހާހެއްހާ މީހުން ދިރިއުޅޭ މ.ކޮޅުފުއްޓަށް ކުރިމަތިވެފައިވާ މި މައްސަލަ ޙައްލުކުރުމަށް ހިންގުނު މި މަޝްރޫޢުގެ ދަށުން މި ކޮޅުފުށީގައި 202 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި 518.8 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ.
ހަމައެހެންމެ މި މަޝްރޫޢުގެ ދަށުން ރަށުގެ ދެ ސަރަޙައްދު ފުންކޮށް ޢާއްމުން މޫދަށް އެރޭ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށްދިނުމުގެ އިތުރުން ރަށުގެ ހުޅަނގުފަރާތު ގިރާ ސަރަޙައްދު ވެލިން މުއްސަނދި ކޮށްފައިވެއެވެ. މިއީ ދަޢުލަތުން 22.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހިންގެވި މަޝްރޫޢެކެވެ.
ކޮޅުފުށީ ފެނުގެ ނިޒާމުގެ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ އިންޑިއާގެ އެސްއެމްސީ އިންފްރާސްޓްރަކްޗަރއާއި ޙަވާލުކުރައްވައިގެންނެވެ. މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކެރެޑިޓްގެ ދަށުން ފަންޑު ކުރެވުނު 3 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ބޯ ހޯލް ހެދުމުގެ މަސައްކަތާއި، ވޯޓަރ ކަލެކްޝަން ޓޭންކް އަދި ސްޓޯރޭޖް ޓޭންކް ޤާއިމު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ހަމައެހެންމެ ފެނުގެ ތަޙުލީލުތައް ކުރެވޭނެހެން ލެބޯޓްރީ ހިމެނޭގޮތަށް އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތާއި، މުޅި ރަށުގައި ފެން ހޮޅި އެޅުމާއި ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވެއެވެ.