ރޯދަމަހު މުދާ އުފުލާ އުޅަނދުފަހަރު ދުއްވުމަށް ވަކި ގަޑިތަކެއް ހަމަޖައްސައިފި
1445 ވަނަ އަހަރުގެ ރަމަޟާންމަހު މުދާ އުފުލާ އުޅަނދުފަހަރު ދުއްވުމަށް ވަކި ގަޑިތަކެއް ހަމަޖައްސައިފިއެވެ.
ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ މައުލޫމާތު ދެއްވަމުން މާލެ އެރިއާގެ ޗީފް ސުޕްރިޑެންޓެންޑް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ މާލޭގައި ރަމަޟާން މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އެއްގަމު ދުއްވާ އުޅަނދުތައް ދުއްވުމަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.
އެގޮތުން، ރަސްމީ ދުވަހެއްގެ ހެނދުނު 09:30 ން ފެށިގެން ހަވީރު 16:30 އާ ހަމައަށް ހުރިހާ ބާވަތެއްގެ އުޅަނދު ގްރޭޓާ މާލެ އޭރިޔާ ސަރަހައްދުގައި ދުއްވޭނެކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ހަމައެއާއެކު ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހެނދުނު 06:00 ން ފެށިގެން ހަވީރު 16:30 އާ ހަމައަށް ހުރިހާ ބާވަތެއްގެ އުޅަނދު ގްރޭޓާ މާލެ އޭރިޔާ ސަރަހައްދުގައި ދުއްވޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމުމުގެ ނިޔަލަށް ހަވީރު 16:30 ން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް މުދާ އުފުލާ ބަރު އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
ގިނަ ކުންފުނިތަކުން ބޭނުންކުރާ މުދާ އުފުލާ އުޅަނދުތަކުގައި ބިދޭސީން ޝާމިލުވާތީ، ކުންފުނިތަކުން މިކަންކަމަށް ޚާއްސަ ސަމާލުކަމެއްދީ މިކަންކަން އެމީހުންނަށް އޮޅުންފިލުވައިދީ ގަވާއިދާ އެއްގޮތަށް ވީހާވެސް ބޮޑަށް މި ގަޑިތަކަށް މަސައްކަތްތައް ބައްޓަންކޮށް، ދުއްވުން މަނާ ގަޑިތަކުގައި ނުދުއްވޭނެ ގޮތަށް ކުންފުނިތަކުން އިންތިޒާމުތައް ހަމަޖެއްސެވުމަށް ސަމީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ސަމީރު އިތުރަށް ވިދާޅުވީ މިގޮތަށް މި ގެނައި ބަދަލަކީ ރަސްމީ ދުވަސްތަކުގައި ސަރުކާރު އޮފީސްތައް ހުޅުވޭ ރަސްމީ ގަޑިއަކީ ހެނދުނު 09:00 ކަމަށްވާތީ އެވަގުތުތަކުގައި މުދާ އުފުލާ އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން، ބްރިޖާއި މާލޭގެ މަގުތައް ބާރުބޮޑުވެގެންދާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރަސްމީ ގަޑި ފެށޭތާ 30 މިނެޓުގެ ތަފާތެއް މުދާ އުފުލާ އުޅަނދުތަކަށް ހަމަޖައްސާފައިވާ ކަމަށެވެ.
މާލޭގެ މަގުތަކަކީ އާއްމުކޮށް މުދާ އުފުލާ ބަރު އުޅަނދު ދުއްވުމުގެ ސަބަބުން ޖާގަ ގެއްލި މަގުމަތި ތޮއްޖެހޭ ކަމެކެވެ.