ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޝަރުއީ ދާއިރާ އޯވަހޯލް ކުރުމުގެ ޕްލޭން ކުރިއަށް ގެންދިއުމާއެކު، ޓެލް އަވީވް އާއި އިސްރާއީލުގެ އެހެން ސިޓީތަކުގެ މަގުތަކުގައި މުޒާހަރާކުރަން ފަށައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި މި އެއްވުންތަކަކީ ނަތަންޔާހޫގެ ޕްލޭނާ ދެކޮޅަށް ޖެހިޖެހިގެން 28 ވަނަ ހަފްތާގެ މުޒާހަރާތަކެއް ކަމަށާއި އެއީ އޯވަހޯލްގެ ބައެއް ކަމަށްވާ މުހިއްމު ބިލަކަށް އޭނާގެ ސަރުކާރުން ފުރަތަމަ ރުހުން ދިންތާ ދުވަސްތަކެއް ފަހުންނެވެ.
ފުރަތަމަ އަޑުއެހުމުގައި ފާސްކުރި މި ބިލުން ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނިންމުންތައް ނައްތާލެވޭނެ "ރިޒަނަބިލިޓީ" މާއްދާ ކުޑަވެގެންދާނެ އެވެ.
އަދި ފަނޑިޔާރުން އައްޔަންކުރުމުގައި ސަރުކާރަށް ބޮޑު ބާރެއް ލިބިގެންދާނެ އެވެ.
ޓެލް އަވީވްގައި މުޒާހަރާގެ ބައިވެރިން ވަނީ “އެސްއޯއެސް” ލިޔެފައިވާ ބޮޑު ބެނާއެއް ނަގައި އުޑުމައްޗަށް ފިޔާތޮށްޓާއި އޮރެންޖް ކުލައިގެ ޕައުޑަރެއް އުކާލާފައެވެ.
"މިއީ ގައުމަށް ކުރާ ހަނގުރާމައެއް، އަޅުގަނޑުމެން ބޭނުންވަނީ އިސްރާއީލް ޑިމޮކްރެޓިކްކޮށް ބެހެއްޓުމަށް އަދި ހުދުމުހުތާރު ވެރިކަމުގެ ގާނޫނުތައް މިތަނުގައި ފާސް ނުވާނެ،" މުޒާހަރާގައި ބައިވެރިވި ނިލީ އެލެޒްރާ ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން އޭނާ ބުނެފައި ވަނީ "ކަންތައްތައް ގޯސްވާނެ. މިހާރުވެސް މީހުން ފުރައިގެން، ފައިސާ ގެއްލި، އިންވެސްޓަރުން ފިލައިގެން، ދުނިޔެ އަޅުގަނޑުމެންނާ ވާހަކަ ދައްކަން ބޭނުން ނުވޭ، މިތަނުގައި ހިނގާ ކަންކަމާ މެދު އެއްވެސް މީހަކު ހިތްހަމަ ނުޖެހޭ،"
ހޮނިހިރު ދުވަހު ޓެލްއަވީވްގައި މުޒާހަރާ ކުރި މީހުންނާ އެކު މުޅި ގައުމުގައި ތިބި އެހެން މީހުން ވެސް ބައިވެރިވި އެވެ. ގުދުސްގައި ހުންނަ ނަތަންޔާހޫގެ ގެކޮޅުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން ވަނީ ދިއްލާފައިވާ ޓޯޗުތައް އުފުލާލައި، އައްސޭރިފަށުގެ ސިޓީތަކެއް ކަމަށްވާ ހެރްޒްލިޔާ އާއި ނަތަންޔާގައި މުޒާހަރާކޮށްފަ އެވެ.
މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފައި ވަނީ އިސްރާއީލުގެ ލީޑަރު މިޕްލޭނާ އެކު ކުރިއަށް ގެންދަވާނަމަ އަންގާރަ ދުވަހު "ހަނގުރާމަ ދުވަހެއް" ބާއްވާނެ ކަމަށެވެ.
މި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޑިހައިޑްރޭޝަންގެ ސަބަބުން ހޮނިހިރު ދުވަހުގެ ވަގުތެއްގައި ނަތަންޔާހޫ ހޮސްޕިޓަލުގައި އެޑްމިޓް ކޮށފައި ހުންނެވި ދަނޑިވަޅެއްގައެވެ.
ފަހުން އޭނާ ޓެލްއަވީވް ހޮސްޕިޓަލުން އާންމުކުރި ވީޑިއޯއެއްގައި އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފަ އެވެ.
ނަތަންޔާހޫ ހޮސްޕިޓަލުގައި ރޭގަނޑު ހޭދަކުރަން ޖެހުނު ކަމަށް އޭނާގެ އޮފީހުން ބުނި އިރު، އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކެބިނެޓް ބައްދަލުވުން ވަނީ ހޯމަ ދުވަހަށް ބަދަލުކޮށްފައެވެ.
މުޒާހަރާތަކާއި ބައިނަލްއަގްވާމީ ފާޑުކިޔުންތަކުގެ ސަބަބުން މާޗް މަހު މެދުކަނޑައިލި ޝަރުއީ އޯވަހޯލް ކުރުން، ކުރިއަށް ގެންދަން އޭނާގެ ސަރުކާރުން ނިންމީ މިދިޔަ މަހު އެ މައްސަލައިގައި ޕާޓީތަކުގެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ރޫޅިގެން ދިޔަ ފަހުންނެވެ.
ހަ މަހަށް ވުރެ ގިނަ ދުވަހު މުޒާހަރާތަކަށް ފަހު، މި ހަރަކާތް ކުޑަވާނެ ކަމުގެ މާބޮޑު އަލާމާތެއް ނުފެނެ އެވެ. އިސްރާއީލުގެ ނޭޝަނަލް ލޭބަރ ޔޫނިއަން އާއި އެ ޖަމިއްޔާގެ މެޑިކަލް އެސޯސިއޭޝަން ވަނީ މި ބިލާ ދެކޮޅަށް ވާހަކަ ދައްކާ ގްރޫޕްތަކުގެ ދިގު ލިސްޓަކާ ގުޅިފައެވެ. އަސްކަރީ ރިޒާވިސްޓުންނާއި ފަޔަރ ޕައިލެޓުންނާއި ވިޔަފާރިވެރިން ވެސް ވަނީ އެ ޕްލޭން ހުއްޓާލުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.
އެގައުމުގެ ގައުމީ ލޭބަރ ޔޫނިއަން، ހިސްޓަޑްރޫޓްގެ ވެރިޔާ އާނަން ބާ ޑޭވިޑް ވަނީ އެގައުމުގެ އިގްތިސާދު ޕެރެލައިޒްވެދާނެ އާންމު ހަޅުތާލެއްގެ އިންޒާރު ދެއްވާފަ އެވެ.
"ހާލަތު ހައްދުފަހަނަޅާފައިވާ ނަމަ އަޅުގަނޑުމެން ތަދައްޚުލްވެ އަޅުގަނޑުމެންގެ ބާރު ބޭނުންކުރާނަން،" ނަތަންޔާހޫއަށް "ހަލަބޮލިކަން ހުއްޓުވުމަށް" ގޮވާލައްވަމުން ބާ ޑޭވިޑް ވިދާޅުވި އެވެ.
ހަފްތާތަކެއް ވަންދެން މުޒާހަރާ ކުރުމަށް ފަހު ޝަރުއީ ދާއިރާގެ އޯވަހޯލް ގާނޫނު މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރިޔަށް ގެންދިޔުމުން މާޗް މަހު ހިސްޓަޑްރޫޓުން އާންމު ހަޅުތާލަކަށް ގޮވާލިއެވެ. މި ފިޔަވަޅާއެކު އިސްރާއީލުގެ އިގްތިސާދުގެ ބޮޑެތި ސަރަހައްދުތައް ވަނީ ބަންދުވެފައެވެ.
އިސްރާއީލުގެ 90 ޕަސެންޓް ފިޒިޝަނުން ތަމްސީލުކުރާ އިސްރާއީލުގެ މެޑިކަލް އެސޯސިއޭޝަނުން ހުކުރު ދުވަހު ހިސްޓަޑްރޫޓާ ގުޅިފައި ވަނީ ރިޒަނަބަލްނެސް ބިލާ ދެކޮޅު ހަދަން "ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށާއި، މުހިންމު އޯގަނައިޒޭޝަނަލް ފިޔަވަޅުތައް ވެސް ބޭނުންކުރުމަށެވެ."
އެ ގާނޫނުގެ ސަބަބުން "ސިއްހީ ޚިދުމަތުގެ ނިޒާމު ފަނާވެގެންދާނެ" ކަމަށް އެ ޖަމިއްޔާގެ ޗެއާމަން ޕްރޮފެސަރު ޒިއޮން ހަގޭ ވިދާޅުވި އެވެ.
މުޒާހަރާގެ ކުރީ ސަފުގައި މަސައްކަތްކުރާ އީލާދު ޒިވް އަށް ކުރިއަށް އޮތް ހަފްތާތަކަކީ ގާނޫނީ އިސްލާހު ހުއްޓުވުމަށް މުހިންމު ހަފްތާތަކަކަށް ވާނެއެވެ.
"މަޖިލީހުގެ ހޫނު މޫސުމުގެ ޖަލްސާ ނިމެންދެން ދެ ހަފްތާ ބައި އެބައޮތް ކަމަށާއި އެކަންކަން ހުއްޓުވަން ޖެހޭ، އެހެން ނޫންނަމަ އިސްރާއީލު ވެގެންދާނީ މާ ގޯސް ތަނަކަށް،" އުމުރުން 45 އަހަރުގެ ޕްރޮގްރާމަރު އޭއެފްޕީއަށް ވިދާޅުވި އެވެ.