އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ބޭއްވުން ފަސް ކުރުމަށް އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ. "ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ.ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަން" އަބްދުއްރަހީމް ވިދާޅުވިއެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލުމަށްފަހު އަންނަ މަހުގެ 07 ވަނަ ދުވަހު އެފުރުސަތު ބަންދު ކުރާށެވެ. ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވެން އޮތީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމް އަންނަ މަހުގެ 07 ވަނަ ދުވަހުގެ ކުރިން ހައިކޯޓުން ބާތިލް ކޮށްގެންނެވެ.
ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު މިހާރު ޗުއްޓީގައި ހުންނެވުމުން އެމައްސަލަ އެންމެ އަވަހަށް ވެސް ދެން ތާވަލް ކުރެވެން އޮތީ މިމަހުގެ 29 ވަނަ ދުވަހުގެ ފަހުންނެވެ. އެހެންކަމުން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އޮއްވާ މައްސަލަ ނިމިދާނެ ކަމަކަށް މިހާރު ލަފައެއް ނުކުރެވެއެވެ.
އިންތިހާބު ފަސްކުރަން ޕީޕީއެމް އިން ގޮވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އިންތިހާބުގައި އެމަނިކުފާނަށް އޮތް ޗެލެންޖަކީ ޕީޕީއެމް ކަމަށް ވިދާޅުވެފައެވެ.