ކަސްޓަމް އަށް ވަނުމަށް ހުޅުވާލައިފި
ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އެތަނުން ހޯދަން އިއުލާންކުރީ އެސިސްޓަންޓް ކަސްޓަމްސްގެ އޮފިސަރުންގެ މަގާމަށް 18 މީހެކެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ.
ކަސްޓަމްސް އިން ބުނީ ވަޒީފާތަކަޑށް ހޮވާނީ 18-30 އަހަރާ ދެމެދުގެ މީހުންނެވެ. މަގާމުގެ އިތުރު ޝަރުތަތަކުގެ ތެރޭގައި އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާ އެކީ އެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން ހިމެނެ އެވެ.
އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުންގެ އަސާސީ މުސާރަ އަކީ 5،000ރ. އެވެ. މީގެ އިތުރުން ނޮން-ޕްރެކްޓިސިން އެލަވަންސް އަސާސީ މުސާރައިގެ 35 ޕަސެންޓް ނުވަތަ 1،750ރ، ސާވިސް އެލަވަންސަށް ދުވަހަކަށް 200ރ، ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހެއްގެ ކޮއްތަށް 60ރ. ގެ އިތުރުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސާއި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ އެވެ.