ނައިބު ރައީސް ފައިސަލް ނަސީމަކީ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ ރޭ ނެރުނު ފައިސަލް ނަސީމްގެ ބަޔޮގްރަފީގައި ފައިސަލްއާ ގުޅޭ ގޮތުން އެމަނިކުފާނު ލިއުއްވި ލިއުއްވުމެއްގައެވެ.
ރައީސް ވިދާޅުވީ ފައިސަލްއާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގެންނެވީ ކުރިން ފައިސަލް ރައްޔިތުންގެ ހާއްސަ މަޖިލިސް މެމްބަރެއްގެ ގޮތުގައި އުޅުއްވި ދުވަސްވަރު ކަމަށެވެ.
އަދި އެ ދުވަސްވަރު ދިރިއުޅުމުގައި ހުރި ގޮންޖެހުންތަކާއި އަދި ހުރަސްތައް ހިއްސާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެ ވާހަކަތަކުން އެނގުނީ ކާމިޔާބު މީހަކަށް ވުމަށްޓަކައި ފައިސަލް ވެވަޑައިގެންނެވި ގުރުބާނީ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކަންކަން ނިންމެވުމުގައި ފައިސަލްއަކީ ބަޔަކު ބުނާހާ ގޮތަކަށް އެއްބަސްވުމުގެ ބަދަލުގައި، އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަސްލަހަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.
"ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާ ތެދުވެރިކަމާއެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް. އަދި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް." ރައީސް ސޯލިހު ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބު ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާ އިރު ރަނިން މޭޓެއް އަދިވެސް ރައީސް ސޯލިހު ހިޔާރެއް ނުކުރައްވައެވެ. ނަމަވެސް ރަނިން މޭޓް ކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ގުޅިފައިވާ ޕާޓީތަކުން ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުނު އިރު ފައިސަލް ރައީސް ސޯލިހުގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ނަމަވެސް މިހާރު ފެންނަމުން ދަނީ އެމްޑީޕީގެ ކެމްޕޭންތަކުން ނެވެ. އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭން ތެރެއިން ނުފެނެ އެވެ.