ތަމްރީންތަކާއި ހުނަރު ތަރައްޤީކުރަން އައިޓީސީއާއެކު މަޝްވަރާކޮށްފި
ރާއްޖޭގައި ޕޮލިޓެކްނިކްސްގެ ދާއިރާއިން ތަމްރީނު ޕްރޮގުރާމްތައް ހިންގުމަށް އިންޓަނޭޝަނަލް ޓްރެއިނިން ސެންޓަރ، އައިޓީސީއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ.މަރްޔަމް މާރިޔާ، ސްވިޓްޒަލޭންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖެނީވާއަށް ވަޒީރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ 112 ވަނަ އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ބައިނަލްއަޤުވާމީ އެކި ޖަމިއްޔާތަކާ ވަޒީރު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. މިގޮތުން އެކަމަނާ ވަނީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންނާބެހޭ ޖަމިއްޔާގެ ދަށުން ހިންގާ އިންޓަނޭޝަނަލް ޓްރެއިންނިން ސެންޓަރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ އައިޓީސީއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ޕޮލިޓެކްނިކްސް ނުވަތަ ޓެކްނިކަލް ކަންކަމާއި ގުޅޭ ތަމްރީން ޕްރޮގުރާމާއި ތަފާތު ހުނަރު ތަރައްޤީކުރުމުގެ ޕްރޮގުރާމުތައް ހިންގާއިރު އައިޓީސީއާ ގުޅިގެން އެކަންކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެ ޖަމިއްޔާއިން އެއްބަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ އެލްއާރުއޭގެ މުވައްޒަފުން އިތުރަށް ތަމްރީން ކުރުމަށްވެސް މި ބައްދަލުވުމުގެ ތެރެއިން އެއްބަސްވެފައިވާކަމަށް މަސައްކަތްތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން މަސައްކަތުގެ މާޙައުލުގައިޖެހޭ އެކި މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާއި ތަފާތު މަސައްކަތްކުރާއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް މި ތަމްރީނުތަކުގައި އަލިއަޅުވާލެވޭނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
112 ވަނަ އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތައް ބައްދަލުވެ، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެކި އުސޫލުތަކާމެދު މަޝްވަރާކޮށް އިޖުތިމާއީ ގޮތުންނާއި މަސައްކަތުގެ މާހައުލުގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.