ސިންގަޕޫރަށް ވަޑައިގަތުމުން ޕާސްޕޯޓް ނުހިފައްޓާ ކަމަށާއި ދޮގު ހަބަރު ފެތުރީ ޑިމޮކްރެޓްސްއިން ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ މި ފަހަރު އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތް އުޅުއްވިއިރުގައި ޕާސްޕޯޓް ހިފަހައްޓައި، އެ ގައުމުގައި ބަންދުކޮށް ނުވަތަ ނުފުރޭނެ ގޮތެއް މެދުވެރި ނުވާ ކަމަށެވެ.
ޕާސްޕޯޓް ހިފެހެއްޓު ހަބަރު އިވިވަޑައިގެންނެވީ މީޑިއާތަކުގެ ހެޑްލައިންތަކުން ކަމަށް ސިޔާމް ވިދާޅުވިއެވެ. ނޫސްވެރިންނަކީ ޕްރޮފެޝަނަލްކޮށް ޒިންމާދާރުކޮށް މަސައްކަތް ކުރާނެ ބަޔަކަށްވުމަށް ސިޔާމް އެދިލެއްވެވިއެވެ. މި މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް އެމަނިކުފާނަށް ވެސް ނުގުޅާ ކަމަށާއި ސަން ސިޔާމް ކުންފުންޏަށްވެސް ނުގުޅާ ކަމަށް ވިދާޅުވިއެވެ.
"ހަމަ ހިތައް އެރި އެއްޗެއް މީޑިއާ ތަކުން ލިޔަމުން ގެންދިޔައީ. އެހެންވީމަ މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ދެރަ ކަމެއް. މަގުމަތީގައި އުޅޭ ތަޅާ ކުދިންގޮތަށް މީޑިއާގެ ބޭފުޅުން މިހާރު މަސައްކަތް ކުރަނީ. އެއްވެސް ކަހަލަ ހަގީގަތެއް ނެތް ގޮތަށް މީހުންގެ އަގުވެއްޓުމާއި މީހުންގެ އަބުރު ވައްޓާލުމާއި މިކަހަލަ ކަންތައް ކުރުމަކީ މީޑިއާގެ ޕޮރިފެޝަނަލްކަން މުޅިން ގެއްލިގެންދާނެ ކަމެއް. ހަގީގަތުގައި ބޭނުންވަނީ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް.". ސިޔާމް ވިދާޅުވިއެވެ.
އޮޅުވާލައިގެން މީހުން ބަދުނާމުކޮށް ވާހަކަދެއްކުމަކީ ނޫސްވެރިންގެ ވަޒީފާގެ އުސޫލްތަކާއި މުޅިން ހިލާފުކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ހަގީގަތާއި އެއްގޮތަށް ނޫސްތަކުގައި ހަބަރު ފެތުރުމަށް ސިޔާމް ވަނީ ގޮވާލާފައެވެ.
ސިޔާމް ވިދާޅުވީ ސިންގަޕޫރުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ދޮގު ވާހަކަ ފެތުރީ ދަ ޑިމޮކްރެޓްސްއިން ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އަޅުގަނޑަކަށް އެއްވެސް ވާދަވެރިއެއް ނެތް. އަޅުގަނޑުމެންނަކީ މި ވަގުތު ރައީސް ސޯލިހާއިއެކު ކޯލިޝަން ހަދާފައި ތިބި ބައެއް. އަޅުގަނޑުމެންނަކީ އެންމެ ބޮޑު ކޯލިޝަން. އެހެން ހުރިހާ ޕާޓީއެއް އެއްކޮލީމަވެސް އަޅުގަނޑުމެންނާ ހިސާބަކަށް ނާދެވޭ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ވާދަވެރިންނެއް ނެތް." ސިޔާމް ވިދާޅުވިއެވެ.
ހަގީގަތާއި ހިލާފަށް ޓްވީޓްކޮށް ނޫސްތަކުގައި ދޮގު ހަބަރު ފެތުރުމަކީ ސިޔާސީ ވެރިން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި ސަރުކާރު ކޯލިޝަނުން ކުރާ މަސައްކަތްތަކުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އެއްބުރުން ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށެވެ.
ހިލްޓަންގެ މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ދައްކަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ސިޔާމް ވިދާޅުވީ ސަރުކާރުން އެމަނިކުފާނަށް ފައިސާ ދައްކާފައެއް ނެތް ކަމަށެވެ.
އެމަނިކުފާނަކީ ދުނިޔޭގެ އެކި ބޭންކުތަކުން ލާރި ހޯއްދަވާ ބޭފުޅެއް ކަމަށާއި ދިވެހި ރައްޔިތަކަށް އަދި ސަރުކާރަށް ވެސް ލޯނު ނުދޭ ބޭންކުތަކުން އެމަނިކުފާނަށް ލޯނު ދީފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެއީ ސިޔާމް ހިސްޓްރީއާއި ރެޕިއުޓޭޝަނަށް ބަލާފައި އިތުބާރު ކުރާތީ ކަމަށް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ އެ ފައިސާ ދައްކާނީ އޭނާ ކަމަށެވެ.