ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްޤުތައް ގެއްލިފައިވާކަމަށް ވިދާޅުވެ، އެ ހައްގުތައް ކަށަވަރުކޮށްދެއްވުން އެދި އެމަނިކުފާނު ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެވެ.ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މިރޭގެ ވަގުތެއްގައިކަމަށެވެ.ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަށް ހުރަސް އެޅެމުންދާކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައިކަމަށް ޝަމީމް ވިދާޅުވިއެވެ.ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތްކަމެއް ހާމައެއް ނުކުރައްވައެވެ.ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވީނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، އެމަނިކުފާނު ތަންފީޒުކުރަމުންދާ ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ކެނޑިޑަސީ ބަލައިގަންނާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.ރައީސް ޔާމީންގެ ކެނޑިޑަސީގެ މައްސަލައިގައ އިލެކްޝަންސް ކޮމިޝަނުންވެސް ސާފުކޮށް ވަކި އެއްޗެއް މިހާތަނަށް ވިދާޅެއްނުވެއެވެ. އަދި ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ދެއްވުމާއިމެދު ގޮތެއް ނިންމާނީ، ރިޔާސީ ކެނޑިޑޭޓުންގެ ކެނޑިޑަސީއާމެދު އެންމެފަހުގެ ނިންމުން ނިންމަވާ ސުޕްރީމް ކޯޓުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ބައެއް އޮފިޝަލުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.