މާފަންނު ސަހަރާ ހުސްކޮށް ޕާކާއި ޕާކިން ޒޯނެއް ހަދަނީ
އިސްލާމީ އުޞޫލުގެ ތެރެއިން މާލޭގައި ހުރި ސަހަރާތައް ހުސްކޮށްގެން އެތަނުގައި ޕާކާއި، ޕާކިން ޒޯން އެޅުމަކީ އަމާޒެއްކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ތޮއްޖެހި މާލޭގައި ހިތްފަސޭހަ ކޮށްލަން ޕާކެއް ނެތުމާއި ޕާކު ކުރާނެ އެކަށޭނަ ޖާގަ ނެތުމަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލަ ދިމާވެފައިވަނީ މާލެއަކީ ކުރިން ރޭވި ތަރައްޤީކޮށްފައިވާ ސިޓީއެއްކަމަށް ނުވާތީ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިހެންވެ މާލޭގައި ޕާކު އެޅުމާއި ޕާކިން ޒޯންތައް އެޅެން އޮތީ މިހާރު މާލޭގައި ހުރި ބިންތައް ހުސްކޮށްގެންނެވެ.
މީގެ އިތުރުން މާލޭގައި ޕާކިން ޢިމާރާތްތައް އެޅުމަށް މީހާރުވެސް 3 ބިމެއް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ކުރިއަށް އޮތް 6 މަސް ދުވަހަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއަށް ހަވާލުކޮށްފައިކަމަށް މޭޔަރ ވިދާޅުވިއެވެ. ޢާޒިމް ވިދާޅުވީ، އަމާޒަކީ ކައުންސިލުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދީ ޕާކިންގ ޢިމާރާތްތަކުގެ މަސައްކަތް އަވަސްކުރުންކަމަށެވެ.
ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ޤަބުރުސްތާނެއް ހުސްކުރުމަށްފަހު ތަނެއް އެޅިދާނެއެވެ. އެގޮތުން މާލެއަށް ބަލައިފިނަމަ މާލޭގައި ޖާގަ ނެތުމާއި ދުއްވާ ވެހިކަލްތަކުގެ އަދަދު ގިނަ ވުމުގެ ސަބަބުން ޤަބުރުސްތާނެއް ހުސްކުރުމަށްފަހު ޕާކިން ޒޯނެއް އެޅިދާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.